ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ށ. ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ ސަރުކާރުގެ ވިސްނުމުގެ ދަށުން، ށ. ފުނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ.

މި މަޝްރޫޢުގެ ސަބަބުން ފުނަދޫ ރައްޔިތުންނަށް ތަފާތު ގިނަ ކުޅިވަރުތައް ރަށުގައި ތިބެގެން ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އެގޮތުން، މި ކޮމްޕްލެކްސް ވެގެންދާނީ އެ ރަށުގައި އެކި ބާވަތުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެ މުހިންމު މަރުކަޒަކަށެވެ.

މިހާރު ސަރުކާރުން ވަނީ ރާއްޖޭގެ އާބާދީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރުގެ ގިނަ މަޝްރޫޢުތައް ފަށާފައެވެ. މި މަސައްކަތުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ގިނަ ކުޅިވަރުތައް އެއްތަނަކުން ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަޝްރޫޢުތައްވެސް މިހާރު ދަނީ އެކި ސަރަހައްދުތަކުގައި ކުރިއަށެވެ.

ކުޅިވަރު ކުރިއެރުވުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ފަށާފައިވެއެވެ. މި މަސައްކަތުގެ ތެރޭގައި، ނިމިދިޔަ ސަރުކާރުން ފެށި ނަމަވެސް ނުނިމި ހުރި ގިނަ މަޝްރޫޢުތަކެއް މި ސަރުކާރުން ނިންމައި، ރައްޔިތުންނާ ހަވާލުކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ކޯޓުތަކާއި، ޓްރެކްތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ.