ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިލަންދޫ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްއޭސީއެލްއަށް

މިލަންދޫ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެމްއޭސީއެލްއަށް

މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އަންނަ 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ފުރިހަމައަށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށެވެ.

މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، މިނިސްޓަރ މޫސާ ޒަމީރު ވަނީ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މި މަޝްރޫޢާ ބެހޭގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދެ އަހަރާއި ބައިގެ ތެރޭގައި މިލަންދޫ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމައި، އޮޕަރޭޝަނަށް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫގައި ޖުމްލަ 40 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މި މަސައްކަތް އަންނަ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ރާވައިފައިވެއެވެ. މީގެ އިތުރުން، އެއާޕޯޓް ތަރައްގީކުރުމަށްޓަކައި މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އައު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. މި ހުރިހާ މަސައްކަތެއް ނިމުމުން، މިލަންދޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއާޕޯޓެއް ޤާއިމުވެގެންދާނެއެވެ.