ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ މަގުމަތީގައި ހުރި ހިފާގެންގުޅޭ ތަކެތި ނެގުމަށް އެޗްޑީސީ އިން އަނެއްކާވެސް އަންގައިފި

ހުޅުމާލެ -- ފޮޓޯ: ވޮއިސް
ހުޅުމާލެ -- ފޮޓޯ: ވޮއިސް

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ވިޔަފާރިކުރުމަށާއި އެނޫންވެސް ބޭނުންތަކުގައި ބަހައްޓާފައި ހުންނަ ގޮނޑި މޭޒުފަދަ ތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އަންގައިފިއެވެ. މިކަމުގެ ސަބަބުން ރަށުގެ ރީތިކަމަށް އަސަރުކުރާކަމަށާއި، މަގުތައް ބޭނުންކުރުމަށް ދަތިވާކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ ކުރިންވެސް މިފަދަ އިއުލާނެއް ކޮށްފައިވާ ކަމަށާއި، ގިނަ ފަރާތްތަކުން އެކަމަށް އަމަލުކޮށްފައި ނުވާކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. އެޗްޑީސީން ބުނީ ދުވާރުމައްޗާއި ހެޖްތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ކެފޭގެ ހިދުމަތް ދިނުމަކީ މަނާކަމެއްކަން ހަނދާންކޮށްދޭކަމަށެވެ. މީގެ އިތުރުން މަގުމަތީގައި ބިޔަވާގަސްތައް ހެޖްތެރޭގައި އިންދުމުގެ ސަބަބުން ފެންހިންދުމުގެ ނިޒާމަށް ބުރޫއަރައި، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ގަސްތައް ނެގުމުގެ މަސައްކަތްވެސް އެޗްޑީސީން ވަނީ ފަށާފައެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖްތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒް ފަދަ ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ތާރީހުގެ ކުރިން އެތަކެތި ނުނަގާނަމަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެތަކެތި ނަގައި، ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އާއްމުކޮށް އަންގާފައެވެ.