ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިސްރަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް، މިސްރު ސަރުކާރުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އެޤައުމަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމެވެ.
މި ދަތުރުފުޅުގައި ޑރ. ޚަލީލް، މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު ޢަބްދުލްލަތީފްއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސްލާމީ އަޚްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި، މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މީގެ އިތުރުން، މިނިސްޓަރު ޚަލީލް މިސްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި އިޤްތިޞާދީ އަދި ސަޤާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
Ads by BMLފޮރިން މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ހާސިލްވެގެންދާނެ ކަމަށެވެ. މި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުމަށް އައު ދޮރުތަކެއް ހުޅުވައިލާނެ ކަމަށް ބެލެވެއެވެ.
Ads by MACL
