ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ދިފާއުކުރަން ރާއްޖެއަށް، ވޯޓު ދިނުމަށް ގޮވާލައިފި
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި، ޖެހިޖެހިގެން ފަސް އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލްގެ މަގާމު ހޯދާފައިވާ ރާއްޖެއިން، މިއަހަރުވެސް އެ މަގާމު ދިފާއުކުރުމަށް އާންމުންގެ ވޯޓަށް އެދިއްޖެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވަނީ ރާއްޖެއަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ޝަރަފްވެރި މަގާމު ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އަދި "ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން" އަށް ރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ. މި ދެ މަގާމަށް ވޯޓު ދިނުން މިހާރު ވަނީ ފެށިފައެވެ.
Ads by BMLފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ކަމަށް ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ކާމިޔާބީ ހޮވުމުގައި، ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންގެ އިތުރުން އާންމު ފަރާތްތަކުގެ ވޯޓު މުހިންމު ދައުރެއް އަދާކުރެއެވެ.
މިއަހަރަކީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ މަގާމަށް ރާއްޖެ ވާދަކުރާ ހަވަނަ އަހަރެވެ. މި މަގާމަށް ރާއްޖެއާއެކު ދުބާއީ، ގްރީސް، އިންޑޮނީޝިއާ، ސްޕެއިން އަދި ވިއެޓްނާމް ފަދަ 19 ގައުމުން ވާދަކުރެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، "މި ފަހުރުވެރި ނޮމިނޭޝަންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކޮންމެ މީހެއްގެ ހިތްވަރާއި މިކަމަށް އޮތް ލޯބި ރަމްޒުކޮށްދޭނެ ކަމެއް" ކަމަށެވެ.
ވޯޓުގައި ބައިވެރިވެވޭނެ އެންމެ ފަހު ތާރީޚަކީ 26 އޮކްޓޯބަރު 2025 އެވެ. ވޯޓު ދެއްވުމަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވެބްސައިޓަށް ވަޑައިގަންނަވާށެވެ.
Ads by MACL
