ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް"ގެ ޓިކެޓް ވިއްކަން ފަށައިފި‏

‏ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް"ގެ ޓިކެޓް ވިއްކަން ފަށައިފި‏

‏ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ ‏‏މިސްޓޭކް" (ކޭޖީއެމް) ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.‏
‏މި ނޮވެމްބަރ މަހުގެ 5 ގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަސް ސިނަމާގައި ‏‏ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 19ގެ ނިޔަލަށެވެ. އެގޮތުން މިހާރު މި ފިލްމްގެ 7 ޝޯއެއްގެ ‏‏ޓިކެޓް ވިއްކަމުން ދާއިރު، 7743399 އަށް ވައިބަރ މެދުވެރިކޮށް ޓިކެޓް ބައްލަވައިގަތުމަށް ފިލްމްގެ ‏‏ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.‏
‏މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި އާއި، ރިސޯޓް ތަކުގައި ފިލްމް ސްކްރީން ކުރުމަށް ބޭނުންވާ ‏‏ފަރާތްތަކުން 7779621 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމަށްވެސް ޕްރޮޑަކްޝަން ‏‏ހައުސްއިން ވަނީ ބުނެފައެވެ.‏
‏މިފިލްގެ ޓްރެއިލަރ އަދި ޓްރެއިލާރ ލޯންޗް ކޮށްފައިވާއިރު، ފިލްމްގެ ޕޯސްޓަރުން އެކަނިވެސް ފިލްމްގެ ‏‏މަޖާކަން ފެނިގެން ދާއިރު، ފިލްމްގެ ޓްރެއިލަރ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި ‏‏އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފައެވެ.‏
‏"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ ‏‏އިތުރުން ހިތްދަތި ކަމާއި، އިޖްތިމާޢީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ‏‏ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނަ އިރު، މި ފިލްމްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ‏‏ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެއެވެ.‏
‏ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ‏‏ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ‏‏ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މިފިލްމްވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ‏‏ވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރ އިސްމާއިލް ‏‏ޝަފީޤުވަނީ ބުނެފައެވެ. ‏
‏މީގެ އިތުރުން މިފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ‏‏ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ" އާއި، މި އަހަރުގެ ‏‏މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ" ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ‏‏ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ‏‏ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.‏
‏ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ‏‏ޑައިރެކްޓަރ ޢަލީ ސީޒަންއެވެ‏‎.‎‏ މިފިލްމް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ.މުލަކުގައެވެ.‏
‏މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ ‏‏އެއް ފިލްމެވެ. އެގޮތުން ފިލްމުގެ ހުރިހާ ތަރިންގެ ރޯލުވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ‏‏ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ‏‏ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ‏‏ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ. މި ފިލްމްގެ ‏‏ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން ‏‏(ކަނޑި) އެވެ‏‎.‎‏ އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ‏‏ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.‏
‏މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު ‏‏އަބްދު ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫއެވެ.‏
‏އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް ‏‏މުހައްމަދުއެވެ.‏