ރައީސް ނަޝީދުގެ ތަފާތު މެސެޖެއް، "އިހަށް މަޑުކޮށްލާ"
ތަރައްޤީގެ ނަމުގައި ހިންގާ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް، ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ތަރައްޤީއާ ބެހޭ ގޮތުން ތަފާތު އަދި މުހިންމު މެސެޖެއް އެކްސް ގައި މިއަދު އާއްމުކުރައްވައިފައިވާއިރު، އެމަނިކުފާނުގެ ޕޯސްޓުގައި "އިހަށް މަޑުކޮށްލާ" މި މެސެޖަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ތަރައްޤީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތެއް ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގެ ޝިއާރަކަށް ވާންވީ، "އިހަށް މަޑުކޮށްލާ" ކަމަށާއި، ދެން ވެރިކަމަށް އަންނަ ރައީސަކު ވެސް ވައުދުވެވަޑައިގަންނަވަން ވާނީ މަޑުޖެހިލައްވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން ރައީސް ނަޝީދު ވަނީ، ކޮންކްރީޓަކީ ތަރައްޤީއެއް ނޫން ކަމަށާއި، އެއީ ގިނަ ފަހަރު ދަރަނި ކަމަށް ވެސް ވިދާޅުވެފައެވެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓް ސަރޕްލަސް (ބާކީ) އާއި ރިޒާވް އިތުރުކުރެވި، ދަރަނި ކުޑަ ކުރެވިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓުގެ ނިންމުމުގައި ވިދާޅުވެފައިވަނީ، ދިވެހީންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބަޔަކު ކަމަށާއި، މިހާރު ވެގެން މިދާ ގޮތާއި، އެމަނިކުފާނު މި ދައްކަވާ ވާހަކަ ދިވެހީންނަށް ސާފުވާނެ ކަމަށެވެ.
ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، މިދިޔަ ދުވަސްތަކުގައި ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ އެއް މައުޟޫއަކީ، ހިންގާ އުމްރާނީ މަސައްކަތްތަކާއި، ދަރަންޏަށް ބުރަވާ ގޮތަށް ހިންގާ ބޮޑެތި މަޝްރޫއުތަކެވެ. ތަރައްޤީގެ ނަމުގައި ހިންގާ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދަރަނި ބޮޑުވެ، އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރައީސް ނަޝީދު ކުރެއްވި މި ޕޯސްޓަކީ މިކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޕޯސްޓެއް ކަމަށް ބެލެވެއެވެ.
ޚާއްޞަގޮތެއްގައި ރިޔާސީ އިންތިޚާބު ކައިރިވެފައިވާ މި ދަނޑިވަޅުގައި، މިފަދަ މެސެޖެއް އާންމުވުމަކީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ ކަމެކެވެ. ރައީސް ނަޝީދުގެ މި މެސެޖުގެ ސަބަބުން އާއްމުންގެ މެދުގައި ވެސް މިކަމާ ބެހޭ ގޮތުން އިތުރަށް ވިސްނާ ފިކުރު ކުރުމަށް މަގުފަހިވާނެ ކަމަށް ލަފާކުރެވެއެވެ.
Ads by MACL
