މިދިޔަ މަހު 900 އަށް ވުރެ ގިނަ ޕާސްޕޯޓު އަތޮޅުތެރޭގައި ހުރި އިމިގްރޭޝަން އޮފީސްތަކުން ދޫކުރި
މިދިޔަ މަހު 900 އަށް ވުރެ ގިނަ ޕާސްޕޯޓު އަތޮޅުތެރޭގައި ހުރި އިމިގްރޭޝަން އޮފީސްތަކުން ދޫކުރި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ހާމަކޮށްފައިވާއިރު، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަން އޮފީސްތަކުން 960 ޕާސްޕޯޓު ދޫކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މުޅި ރާއްޖެއިން މިމަހު 3,884 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ޖުމްލަ 3,897 ޕާސްޕޯޓު އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ.
ގްރޭޓަރ މާލެ ސަރަހައްދަށް ބަލާއިރު، އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ މާލެއިންނެވެ. މާލެއިން 2,115 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓާއި، ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓު ދޫކޮށްފައިވެއެވެ. ވިލިމާލެއިން ދޫކޮށްފައިވަނީ 36 ޕާސްޕޯޓެވެ.
Ads by BMLއަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ ސ. މަރަދޫއިންނެވެ. މަރަދޫއިން 146 ޕާސްޕޯޓު ދޫކޮށްފައިވާއިރު، ދެން އެންމެ ގިނައީ ހދ. ކުޅުދުއްފުށި ސިޓީން ދޫކުރި 144 ޕާސްޕޯޓެވެ. މީގެ އިތުރުން ލ. ފޮނަދޫއިން 122 ޕާސްޕޯޓާއި، ގދ. ތިނަދޫ ސިޓީން 111 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.
މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން މިދިޔަ މަހު 20 ޕާސްޕޯޓު ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ސެޕްޓެމްބަރު މަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.
Ads by MACL
