ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެޗްޑީސީގެ ނަމުގައި ސްކޭމެއް: ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޗްޑީސީގެ ނަމުގައި ސްކޭމެއް: ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލައިގެން ފޮނުވަމުންދާ ސްކޭމް މެސެޖްތަކެއް ފެންމަތިވުމާއި ގުޅިގެން މިކަމަށް ދިވެހިރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮފިއެވެ.

ފުލުހުން ވިދާޅުވީ އެޗްޑީސީގެ ނަމުގައި ދައުރުވަމުންދާ މި ފޭކް މެސެޖްތަކުގައި ހިމެނޭ ލިންކުތަކަކީ ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވަގަށް ނެގުމަށް އަމާޒުކޮށްފައިވާ ލިންކުތަކެއް ކަމަށެވެ. އެހެންކަމުން، މިފަދަ މެސެޖްތަކުގައިވާ ލިންކުތަކަށް ފިތުމުން ދުރުހެލިވުމަށާއި، މިކަމުގެ ހޭލުންތެރިކަން އެހެން ފަރާތްތަކަށް ވެސް ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮފައެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްކަން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏަށް ގުޅައިގެން މައުލޫމާތު ހޯދުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ސްކޭމް ކުރާ ފަރާތްތަކުން ފޮނުވަމުންދާ މެސެޖްތަކުގައި ބުނެފައި ވަނީ، ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް ދޮގު މައުލޫމާތެއްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވެ، ބޮޑު ގެއްލުމަކާ ކުރިމަތިނުލުމަށްޓަކައި، އަބަދުވެސް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އާންމުނަށް ހަނދާންކޮށްދީފައެވެ.