ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއު ރޭޑިއަންޓާއި ވިކްޓަރީގެ މެޗް: 80ގެ ޒަމާން އަލުން ދިރާގު ދިވެހި ޕްރިމިއަރ ލީގަށް!

ނިއު ރޭޑިއަންޓާއި ވިކްޓަރީގެ މެޗް: 80ގެ ޒަމާން އަލުން ދިރާގު ދިވެހި ޕްރިމިއަރ ލީގަށް!

ދިވެހި ފުޓްބޯޅައިގެ ރަންޒަމާން ކަމަށްވާ 80ގެ އަހަރުތަކުގެ އެންމެ ވަރުގަދަ ވާދަވެރިން ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާއިރު، މި މެޗު ފޯރިގަދަކުރުމަށް ދެ ޓީމުންވެސް ވަނީ ފޯރިގަދަ ކެމްޕެއިންތަކެއް ފަށާފައެވެ. ސޯޝަލް މީޑިއާގައި ދެ ޓީމުންވެސް އަންނަނީ އެއް ޓީމު އަނެއް ޓީމަށްވުރެ ވަރުގަދަ ކަމަށް ބުނެ، ސަޕޯޓަރުންގެ ފޯރި އިތުރުކުރަމުންނެވެ.

ސީޒަން ފެށުމާއެކު ވިކްޓަރީން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ސްލޮވާކިއާގެ 48 އަހަރުގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ގެރީ ވަނީ ގެނެސްފައެވެ. މީގެ އިތުރުން، ވިކްޓަރީން ވަނީ އަލުން ވަރުގަދަކޮށް އެނބުރި އައުމަށްޓަކައި ސަރުކާރުގެ އިސްވެރިން ހިމެނޭހެން އައު ބޯޑެއް އެކުލަވާލާފައެވެ. މި ބޯޑުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވަނީ އިންތިޚާބުކޮށްފައެވެ. ވިކްޓަރީގެ ނައިބު ރައީސްކަމަށް ކުރިން ކުލަބުގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އަދި ޢަބްދުﷲ ވަހީދު ވަނީ އިންތިޚާބުކޮށްފައެވެ. ބޯޑު މެންބަރުންގެ ތެރޭގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީވެސް ހިމެނެއެވެ.

ހަ އަހަރުފަހުން ނިއު ރޭޑިއަންޓާ ދެކޮޅަށް ވިކްޓަރީ ނިކުންނައިރު، 80ގެ އަހަރުތަކުގައި ގައުމީ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލިއިރު ބޭނުންކުރި ޖާޒީ އަލުން ވުޖޫދުކޮށް، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުގައި ވިކްޓަރީން ބޭނުންކުރާނީ އެ ޖާޒީއެވެ. މި ޖާޒީގައި ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ވިކްޓަރީން ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި ޖާޒީ ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. މީގެ އިތުރުން ގަލޮޅަށް ނިސްބަތްވާ ވިކްޓަރީން ގަލޮޅު ކަންމަތީގައި ޚާއްސަ ހަރަކާތްތައް ބާއްވަން ނިންމާފައިވާއިރު، ސަޕޯޓަރުންގެ ސައިތައްވެސް ބާއްވާން ވަނީ ހަމަޖެހިފައެވެ.

ދެ ކުލަބުގެ ލެޖެންޑުން ބައިވެރިކޮށްގެން ނިއު ރޭޑިއަންޓާއި ވިކްޓަރީންވެސް އަންނަނީ ސޯޝަލް މީޑިއާގައި ޚާއްސަ ކެމްޕެއިންތަކެއް ކުރަމުންނެވެ. ދެ ޓީމުންވެސް ބުނަނީ މިފަހަރުގެ މެޗުގައި ސަޕޯޓަރުންގެ ފޯރިގަދަކޮށް ފެންނާނެ ކަމަށާއި، ކުޅުންތެރިންނަށް ބެލިކަމުގައިވިޔަސް މިފަހަރު ނިއު ރޭޑިއަންޓާއި ވިކްޓަރީގައިވެސް ވަރުގަދަ ކުޅުންތެރިން ތިބި ކަމަށެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުގެ ކުޅުންތެރިންވެސް ވަރުގަދަ ތަމްރީނުތަކެއް ކުރަމުންދާ މަންޒަރު މިވަނީ ފެނިފައެވެ.