ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް ފަށަނީ
މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް، މި ދާއިރާގައި ހުނަރުވެރި ޒުވާނުން އުފެއްދުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީން ތިން މަސް ދުވަހުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
ޒުވާނުންނަށް މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދައި، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކެޔޮޅުންގެ ފަރާތުން ފަންނީ ހުނަރު ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުން ލިބިގެންދާނެއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމާއި، މި ދާއިރާގައި ކުރިއަރައިގެން ދިއުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.
Ads by BMLމި ތަމްރީން ޕްރޮގްރާމުގައި މަސްވެރިކަމާބެހޭ ފަންނީ މަޢުލޫމާތުތައް ދިނުމުގެ އިތުރުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން ބައިވެރިވެ، ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މަސްވެރިކަން ކުރާނެ ގޮތުގެ ތަމްރީނު ލިބިގެންދާނެއެވެ. ޒުވާނުންނަށް މިއީ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ލިބި، މި ދާއިރާގައި ކުރިއަށް ދިއުމަށް ރަނގަޅު ބިންގަލެއް އެޅިގެންދާނެ ފުރުސަތެކެވެ.
މި ޕްރޮގްރާމް ކުރިއަށް ދާނީ މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. އަދި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފުރަތަމަ ބުރުގައި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ފޯމް ފުރިހަމަކުރުމަށްފަހު އީމެއިލް ކުރުމަށް ވަނީ އަންގާފައެވެ.
Ads by MACL
