ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެއްޖެ!
މި އަހަރުގެ މިހާތަނަށް ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 39.1 އިންސައްތަ އިތުރުވެ، އިގްތިސާދީ ކުރިއެރުމުގެ އުއްމީދުތައް އާވެއްޖެއެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ތަފާސްހިސާބުތަކުން މިކަން ހާމަވެފައިވާއިރު، މިއީ ޤައުމީ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މީރާގެ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ޖުމްލަ 1.1 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 804 މިލިއަން ޑޮލަރު ކަމަށްވާއިރު، މި އަހަރުގެ ކުރިއެރުން ވަރަށް ފާހަގަކޮށްލެވޭނެއެވެ.
ޓެކްސް އާމްދަނީން ބޮޑު ކުރިއެރުމެއް
Ads by BMLބޭރު ފައިސާގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ބަޔަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މި އަހަރު ޓެކްސްގެ ގޮތުގައި 851.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 627.9 މިލިއަން ޑޮލަރެވެ. ޑިޕާޗަރ ޓެކްސްގެ ރޭޓުތައް މަތިކުރުމާއި، އާމްދަނީން ނަގާ ޓެކްސްގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން މި ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޑިޕާޗަރ ޓެކްސްގެ ގޮތުގައި 90.9 މިލިއަން ޑޮލަރު، އަދި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 120.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ގްރީން ޓެކްސާއި ޓީޖީއެސްޓީން ވެސް ކުރިއެރުން
ގްރީން ޓެކްސްގެ ރޭޓަށް ގެނެވުނު ބަދަލާއެކު، މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް 108.6 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ އިތުރުން، ޓީޖީއެސްޓީގެ ގޮތުގައި 531.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 268 މިލިއަން ޑޮލަރަށް އަރައެވެ.
މި ކުރިއެރުމުގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 130 އިންސައްތައަށް އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައެވެ. މިއީ ޤައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެކެވެ.
Ads by MACL
