ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ޓީމުތަކުގައި ހިމެނޭ މެންބަރުންނަށް މުސާރަ ބޮޑުވެގެން ދިއުމަކީ، ކުޅުންތެރިންގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް: ވަޒީރު ރާފިއު

ގައުމީ ޓީމުތަކުގައި ހިމެނޭ މެންބަރުންނަށް މުސާރަ ބޮޑުވެގެން ދިއުމަކީ، ކުޅުންތެރިންގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް: ވަޒީރު ރާފިއު

ގައުމީ ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނާއި އެތުލީޓުންނަށް ހަމަހަމައަށް މުސާރަ ބޮޑުވެގެން ދިއުމަކީ، ކުޅުންތެރިންގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިއު މިހެން ވިދާޅުވީ ރޭ ޕީއެސްއެމް އަށް އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތްތައް ހަމަހަމަކޮށް، 2025 މެއި މަހުން ފެށިގެން އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރުމުގެ ނިންމުން ވަނީ ނިންމާފައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސްގެ ވައުދުފުޅާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް، ކުޅުންތެރިންނާއި އޮފިޝަލުން އަދި ޕެރަ އެތުލީޓުންނަށް ދެމުން އައި އެލަވަންސް ވަނީ އިތުރުކޮށްފައެވެ. މިގޮތުން، މި އަހަރުގެ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޮޑުވެފައިވާ އަދަދު ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންގެ އެކައުންޓުތަކަށް ޖަމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، މިއީ ގައުމީ ޓީމުތަކަށް ގެނެވުނު ދެ މުހިންމު ބަދަލެއް ކަމަށެވެ. އެއް ބަދަލަކީ ކުރިން 5000 ރުފިޔާ ދެމުން އައި އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރުން ކަމަށާއި، އަނެއް ބަދަލަކީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަހަމަ މުސާރައެއް ދިނުން ކަމަށެވެ.

"ގައުމީ ޓީމުތަކުގެ މުސާރަތައް އެއްހަމަކޮށް 7000 އަށް ބޮޑުކޮށްފައިވާއިރު މި ގެނައީ ދެ ބަދަލެއް. މި ގެނެވުނު އެއްބަދަލަކީ އޮފިޝަލުންނާއި ޕްލޭޔަރުންނާއި އެއްހަމަ ކުރުން. ކުރީގައި ދެމުން އައި 5000 ރުފިޔާ 7000 ރުފިޔާއަށް ބޮޑުވެގެން ދިއުމާއެކު އެއްހަމަވެގެން ދިޔައީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރިން ބައެއް އޮފިޝަލުންނަށް އެތުލީޓުންނަށްވުރެ ބޮޑެތި މުސާރަތައް ލިބުނު ނަމަވެސް، އެލަވަންސްގެ ގޮތުގައި ލިބެމުން އައީ އެންމެ 2500 ރުފިޔާއެވެ. އެހެންކަމުން، މި ބަދަލާއެކު ގައުމީ ޓީމުތަކުގައި ހިމެނޭ އޮފިޝަލުންނާއި އެތުލީޓުންގެ މުޅި އޯވަރޯލް މުސާރަ ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން، މި ބަދަލު ހުރިހާ ގައުމީ ޓީމުތަކުގެ އަންހެން ކުޅުންތެރިންނަށް ވެސް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިން ބައެއް ގައުމީ ޓީމުތަކުގައި، މިސާލަކަށް ސަރފިން ޓީމުތަކުގައި ހަމައެކަނި ފިރިހެން ޓީމުތަކަށް މުސާރަ ދެމުން އައި ނަމަވެސް، މިހާރު އަންހެން ކުޅުންތެރިންނަށް ވެސް މުސާރަ ދެވޭނެއެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތް ގަވާއިދުން ދިނުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލާއެކު، ދިވެހި ކުޅިވަރުގެ ކުރިމަގު އިތުރަށް އުޖާލާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.