ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

623 ބައިވެރިންނާއި އެކު ދުނިޔޭގެ ފީނުމުގެ ރެކޯޑް ރާއްޖެއިން މުގުރާލައިފި

ބާނި އިވެންޓްގެ ތެރެއިން ---
ބާނި އިވެންޓްގެ ތެރެއިން ---

"ބާނީ އިވެންޓް"ގައި ބައިވެރިވި 623 ބައިވެރިންނާއި އެކު ދުނިޔޭގެ ފީނުމުގެ ރެކޯޑް ރާއްޖެއިން މުގުރާލައިފިއެވެ.

ގިނަ ބަޔަކު އެއްފަހަރާ ސްނޯކަލްކޮށްގެން ގިނިސް ވޯލްޑް ރެކޯޑް ހެދީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު (މިއަދު) ބ.އަތޮޅުގައި ބޭއްވި "ބާނީ އިވެންޓް" ގައެވެ. މި ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދިވެހިރާއްޖެ އާއި ކަނޑާ އޮތް ގުޅުމާއި، ދެމެހެއްޓެނިވި ކަނޑު ފަތުރުވެރިކަމަށް ދޭ ސަމާލުކަން ހާމަވާ ކަމެކެވެ.


ބ.އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (VMC) ގުޅިގެން އިންތިޒާމުކުރި މި ހަރަކާތުގައި، 13 ރަށަކާއި 15 ރިޒޯޓަކުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ރިޒޯޓު މުވައްޒަފުންނާއި، ބައިނަލްއަޤްވާމީ ފަތުރުވެރިންނާއި، ދިވެހި ކޮމިއުނިޓީގެ ފަރާތްތަކުން ވެސް މި ރެކޯޑް ހެދުމުގައި ބައިވެރިވިއެވެ. މިއީ ތިމާވެށީގެ ދެމެހެއްޓެނިވި މަސައްކަތްތަކަށް އެންމެން ގުޅިގެން ދޭ އަހަންމިއްޔަތު އަންގައިދޭ ވަރުގަދަ މިސާލެކެވެ.


އޭދަފުށިން ފުރައިގެން 10 މިނެޓުގެ ދަތުރެއްގައި ދެވޭ ވިލިނގިލިފަރު ފިނޮޅު، މި ރެކޯޑް ހެދުމަށްޓަކައި މުޅިން ތަފާތު މަންޒަރެއް ހުށަހަޅައިދިނެވެ. 


ރެކޯޑް ހެދުމަށް ސްނޯކަލްކުރުން ފެށުނީ ހަވީރު 4:30 ގައެވެ. 623 ބައިވެރިން އެއްފަހަރާ މޫދުގައި ފީނައި އެއްގަޑިއިރަށް ދެމިގެންދިޔަ މި ހަރަކާތް ނިމުމަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި، ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ފަނޑިޔާރުވަނީ ބ.އަތޮޅު ކައުންސިލަށް ރެކޯޑްގެ ފިލާ ހަވާލުކޮށްފައެވެ. 


މި ރެކޯޑް ވަނީ ވިޒިޓް މޯލްޑިވްސްގެ ރެކޯޑް ފޮތުގައި ވެސް ރަޖިސްޓްރީ ކުރެވިފައެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޔުރީވަނީ ބ.އަތޮޅު ކައުންސިލަށް ހަނދާނީ ފިލައަކާއި ފައިސާގެ އިނާމެއް ހަވާލުކޮށްފައެވެ.


"މި ކާމިޔާބީއަކީ އަޅުގަނޑުމެންގެ ޤައުމަށް ލިބުނު ފަޚުރުވެރި ވަގުތެކެވެ. މިއީ އަޅުގަނޑުމެންގެ ރައްޔިތުންނާއި ކަނޑާ އޮތް ގުޅުމާއި، ކުރިމަގުގެ ޖީލުތަކަށް ކަނޑު ރައްކާތެރިކުރުމަށް އަޅުގަނޑުމެން ދޭ ސަމާލުކަން ދައްކުވައިދޭ ކަމެއް،" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޔުރީ ވިދާޅުވިއެވެ.