ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ: ގެއްލިގެން ހޯދި ތިންވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާ: ގެއްލިގެން ހޯދި ތިންވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

ބުރާސްފަތި ދުވަހުގެ ފަތިހު މާލެ އަތޮޅު ކައިރިން ކޮޅުވެއްޓި "އަލްމާކް-ފިޔަ" ބަންޑުންޖަހާލި ހިތާމަވެރި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ތިންވަނަ އަދި އެންމެ ފަހު މީހާގެ ހަށިގަނޑު، (ލަންކާ ރައްޔިތެއްގެ ހަށިގަނޑު) ފެނިފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ހާމަކުރައްވައިފިއެވެ. މި ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާ ދެމެދުން، އޮޔާދަނިކޮށް ރޭގެ ވަގުތެއްގައެވެ.

100 ފޫޓުގެ މި ކޮޅުވެއްޓި ދަތުރުކުރަމުން ދިޔައީ މާލެ އަތޮޅު އެރިޔަދޫއަށް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މި ހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން 3 މީހަކު ގެއްލުނުއިރު، އޭގެ ތެރޭގައި ދިވެއްސަކު، އިންޑިއާއަށް ނިސްބަތްވާ މީހަކު އަދި ސްރީލަންކާއަށް ނިސްބަތްވާ މީހަކު ހިމެނެއެވެ.

ފުރަތަމަ ފެނުނު ހަށިގަނޑަކީ ގއ. ދާންދޫއަށް ނިސްބަތްވާ އަޙްމަދު ޝިފާންގެ ހަށިގަނޑު ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ކުރި މަސައްކަތުން ހެނދުނު ވަނީ ފެނިފައެވެ. އޭގެ ފަހުން އެދުވަހުގެ މެންދުރުގެ ވަގުތެއްގައި އިންޑިއާއަށް ނިސްބަތްވާ ދެވަނަ މީހާގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ.

ސްރީލަންކާއަށް ނިސްބަތްވާ ތިންވަނަ މީހާގެ ހަށިގަނޑު ފެނުނީ ގެއްލުނުތާ ތިން ދުވަސް ފަހުން ކަމަށްވާއިރު، މިކަމާ ގުޅިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ކެނޑިނޭޅި ކުރައްވާފައެވެ.