ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކިޑްނީ ބަލީގެ ފަރުވާއަށް އިންގިލާބީ ބަދަލެއް: ގޭގައި ޑަޔަލިސިސް ހެދޭނެ މަގު ރާއްޖޭގައި ފަހިވެއްޖެ!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފެށުން / ފޮޓޯ: އައިޖީއެމްއެޗް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފެށުން / ފޮޓޯ: އައިޖީއެމްއެޗް

ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް މުހިންމު ކުރިއެރުމެއް ލިބި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ނުވަތަ ހޮޅި ލެއްވުމުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ގޭގައި އަމިއްލައަށް ޑަޔަލިސިސް ހެދުމަށް މަގުފަހިކޮށްދޭނެ، ގިނަ ބަލިމީހުންނަށް ބޮޑު ލުއިތަކެއް ގެނެސްދޭނެ ޚިދުމަތެކެވެ.

ކިޑްނީ ބަލިތަކަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ބޭސްފަރުވާއަށް އެންމެ ގިނައިން ބޭރުގެ ޤައުމުތަކަށް ދާންޖެހޭ އެއް ބައްޔެވެ. މި ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެއެވެ. ޑަޔަލިސިސް ހެދުމަށް ހަފްތާއަކު ދެތިން ދުވަހު ހޮސްޕިޓަލަށް ދާންޖެހުމަކީ ބަލިމީހުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެކެވެ. މިކަމަށް ލުއި ދިނުމުގެ ގޮތުން، މާލެ ސަރަޙައްދާއި އަތޮޅުތަކުގައި ޑަޔަލިސިސް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢެއްވެސް ސަރުކާރުންވަނީ ފަށާފައެވެ.

އައިޖީއެމްއެޗްއިން ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްވެފައިވާއިރު، މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، ގޭގައި، ވޭނަކާ ނުލައި އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެކެވެ. މި ޚިދުމަތަށް ބޭނުންވާ ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ހަށިގަނޑަށް ލެއްވުމުގެ އޮޕަރޭޝަން މިހާރު އައިޖީއެމްއެޗްގައި ކުރެވޭނެއެވެ.

މި އޮކްޓޯބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކުރެވިފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ.

އައިޖީއެމްއެޗްއިން ބުނި ގޮތުގައި، މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް މިހާރުވެސް ކުރިއަށްދާކަމަށާއި، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. ޕެރިޓޯނިއަލް ޑަޔަލިސިސްގެ ސަބަބުން ބަލިމީހުންނަށް ގޭގައި އަމިއްލައަށް ޑަޔަލިސިސް ހެދޭނެއެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލުގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ކުޑަ ވަގުތެއްގެ ތެރޭގައި ގޭގައި ފަރުވާ ކުރެވޭނެއެވެ. މިއީ ކިޑްނީ ބަލީގެ ފަރުވާގައި ތިބޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިތަކެކެވެ.

މި ޚިދުމަތް ފުޅާވުމާއެކު، ކިޑްނީ ބަލީގެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ ޢަދަދު މަދުވެ، ރާއްޖޭގައި މިފަދަ ޚިދުމަތްތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.