ސްކޭމްކުރާ ފަރާތްތަކުގެ ނަންބަރުތައް ހިމެނޭ މޮބައިލް އެޕެއް ފުލުހުން ތަރައްޤީކުރަނީ
ސްކޭމްކޮށްގެން ފައިސާ ހޯދާ ފަރާތްތަކުގެ މޮބައިލް ނަންބަރުތަކާއި އެކައުންޓް ނަންބަރުތައް ދެނެގަނެވޭނެ މޮބައިލް އެޕްލިކޭޝަނެއް ފުލުހުން ތަރައްޤީކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފި އެވެ. މި އެޕްލިކޭޝަނުގެ މައިގަނޑު މަޤްޞަދަކީ ސްކޭމްގެ ޢަމަލުތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމެވެ.
ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގުރާމްގައި ވިދާޅުވީ، މި އެޕްލިކޭޝަނުން ސްކޭމަރުންގެ ނަންބަރުތަކާއި، އެކައުންޓު ނަމްބަރުތަކާއި، ފިޝިން ލިންކްތަކާއި އަދި ޕްރޮމްޓް މެސެޖުތަކުގެ މަޢުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ. މީގެ ސަބަބުން ޢާންމުންނަށް ޝައްކުކުރެވޭ ނަމްބަރެއް އެޕްގައި ސާރޗްކޮށް، އެއީ ސްކޭމް ކޯލެއްތޯ ނުވަތަ މެސެޖެއްތޯ ބެލޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަޒީފް އިތުރަށް ވިދާޅުވީ، ސްކޭމް ނަމްބަރެއްގެ މަޢުލޫމާތު އެޕްގައި ޝާއިޢުކުރެވޭ ހިސާބުން، އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކަމާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. މިއީ ސްކޭމްގެ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
Ads by BMLމީގެއިތުރުން، ސްކޭމްގެ މައްސަލަތަކުގެ ތަޙްޤީޤުތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޢާންމުންނަށް ނުލިބޭކަމުގެ ޝަކުވާ ފާހަގަކުރައްވައި، މި އެޕްލިކޭޝަން މެދުވެރިކޮށް މައްސަލަތަކުގެ އަޕްޑޭޓްވެސް ލިބޭނެ ކަމަށް އިންސްޕެކްޓަރ އަޒީފް ވިދާޅުވި އެވެ. މިއީ ސްކޭމްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެ އެވެ.
ފުލުހުންގެ މި އައު އެޕްލިކޭޝަނަކީ ސްކޭމްގެ މައްސަލަތައް ކޮންޓްރޯލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ. ނަމަވެސް، މި އެޕްލިކޭޝަން ޢާންމުކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
Ads by MACL
