ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒަކާތް ހައުސްއިން އިސްލާމީ ކުތުބުޚާނާތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޒަކާތް ހައުސްއިން އިސްލާމީ ކުތުބުޚާނާތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކިންގް ސަލްމާން މިސްކިތުގެ އިސްލާމީ ކުތުބުޚާނާއަށާއި، ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް ޒަކާތާ ގުޅުންހުރި ފޮތްތައް ހަދިޔާކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ލައިބްރަރީތައް މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް ފުޅާކުރުމެވެ. މީގެ އިތުރުން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒަކާތާބެހޭ ހޭލުންތެރިކަން އާންމުންގެ މެދުގައި އިތުރުކުރުމަށްވެސް މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވިއެވެ.

ފޮތް ހަދިޔާކުރަން ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުމުން އެކަމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.

އިސްލާމީ މިނިސްޓްރީގެ އޮންލައިން ލައިބްރަރީގައި މިހާރުވެސް ރިޔާޟުއްޞާލިޙީނާއި ފިޤުހުއްސުންނާ ފަދަ މަޝްހޫރު ދީނީ ފޮތްތަކުގެ ދިވެހި ތަރުޖަމާ ލިބެން ހުރެއެވެ. މީގެ އިތުރުން، އިސްލާމީ ޢަޤީދާ، ފިޤުހު، ނަބަވީ ސުންނަތް އަދި ހިދާޔަތުގެ އަލި މަޖައްލާ ފަދަ ތަކެތިވެސް އޮންލައިންކޮށް ލިބެން ހުރެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކުރިއެވެ. މި ހަދިޔާއަކީ ރާއްޖޭގައި އިސްލާމީ ލައިބްރަރީތައް ގާއިމުކުރުމުގެ މަސައްކަތަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

އިސްލާމީ މިނިސްޓްރީން ވިދާޅުވީ، މިކަމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުއްދުމަށް އިތުރު ފަހިކަމެއް ގެނެސްދޭނެ ކަމެއްކަމަށެވެ.