ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މިއަދު ނައްތާލައިފި

ނައްތާލަން ގެންދިޔަ ސިނގިރޭޓްތައް --- ފޮޓޯ :ކަސްޓަމްސް
ނައްތާލަން ގެންދިޔަ ސިނގިރޭޓްތައް --- ފޮޓޯ :ކަސްޓަމްސް

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްސް މިއަދު ކަސްޓަމްސް އިން ނައްތާލައިފިއެވެ. މި ސިނގިރޭޓްތައް ނައްތާލާފައިވަނީ ކ. ދޫނިދޫގައި އަންދާލައިގެންނެވެ.

ކަސްޓަމްސް އިން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ޖުމްލަ 3,183,040 ސިނގިރޭޓް ސްޓިކްސް ނުވަތަ 199 ކޭސް ސިނގިރޭޓް ވަނީ ނައްތާލެވިފައެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާގެ ބައިވެރިވުމާއެކުގައެވެ.

މި ތަކެއްޗަކީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.

މިފަދަ ގަވާއިދާ ޚިލާފު މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެހެންކަމުން، ކަސްޓަމްސް އިން ވަނީ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްތައް އިތުރުކޮށްފައެވެ.