ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުޢިއްޒު ލ.އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ރައީސް ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ރަށްރަށުގެ ތަރައްޤީއާ ރައްޔިތުންގެ ޙާލަތު ބައްލަވައިލެއްވުމެވެ. ލ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރާވާފައެވެ.

މި ޒިޔާރަތްކުރައްވާ ރަށްތަކުގެ ތެރޭގައި އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ ހިމެނެއެވެ.

ދަތުރުފުޅުގައި ރައީސް މުޢިއްޒު، ކޮންމެ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، އެމަނިކުފާނު ރަށްރަށުގެ އާއްމު ރައްޔިތުންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ޝުޢޫރުތައް އައްސަވައިލައްވާނެއެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.