ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގެ އާބާދީ އިތުރުކުރުމަށް ބޭރު މީހުންނަށް ރައްޔިތުކަން ދިނުމަށް ނަޝީދު ހުށަހަޅުއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---
ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

އައްޑޫގައި ދިރިއުޅުމުގެ ޝަރުތާއެކު، ބޭރުގެ ފަންނީ އަދި ތައުލީމީ ބޭފުޅުންނަށް ދިވެހި ރައްޔިތުކަން ދިނުމަކީ އައްޑޫގެ ތަރައްގީއަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އައްޑޫ ސިޓީ ބައިބައިކުރުމަކީ ވަކިވަކި ރަށްތަކަށް އިތުރު ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވަނީ އާބާދީ އިތުރުކުރެވޭނެ ގޮތެއް ހޯދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީގައި ބުނާ ޝަރުތުތަކާ އެއްގޮތަށް، ވަކި މުއްދަތަކަށް އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ފަންނީ އަދި ތައުލީމީ ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެކެވެ. އިސްލާމީ އުއްމަތުގައި މިފަދަ ފުރުސަތުތައް ބޭނުންހިފާނެ ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން، ޓީޗަރުން އަދި މިނޫންވެސް ފަންނީ މީހުން ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އައްޑުއަކީ ފަންސާސް ހާސް މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.

https://twitter.com/MohamedNasheed/status/1980176028421984667?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1980176028421984667%7Ctwgr%5Eed9b1993785bcbaf4f0fa024d7a8524f455d40e5%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohamedNasheed%2Fstatus%2F1980176028421984667

އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅިގެން ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާއިރު، މި ވޯޓަކީ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލް ހަދައިގެން ހިންގުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. ވޯޓާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެއީ އައްޑޫ ރޫޅިގެން ގޮސް އެކަމުގެ ގެއްލުން މުޅި އައްޑުއަށް ލިބޭނެ ކަމެކެވެ. ނަމަވެސް ވޯޓަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ލާމަރުކަޒީ އުސޫލުގެ ފައިދާ ލިބެން އޮތީ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް ހަދައިގެންނެވެ.