ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިނގިރޭޓް ވައްކަން: މުއާޒުގެ ބަންދަށް ކޯޓުން އިތުރު 10 ދުވަސް ޖަހައިފި

ސިނގިރޭޓް ވައްކަން: މުއާޒުގެ ބަންދަށް ކޯޓުން އިތުރު 10 ދުވަސް ޖަހައިފި

އެމްޕީއެލްގެ ބެލުމުގެ ދަށުން ގެއްލުނު ދެ ކޮންޓެއިނަރު ސިނގިރޭޓްގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުއާޒު އަލީގެ ބަންދަށް ކޯޓުން އިތުރު 10 ދުވަސް ޖަހައިފި އެވެ. މި މައްސަލައަކީ ގިނަ ބަޔަކު ހިމެނޭ ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވާއިރު، މުއާޒު އަލީގެ ބަންދުގެ މުއްދަތު އިތުރުކުރީ މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހުއެވެ.

މި މައްސަލައިގައި މުއާޒު އަލީގެ އިތުރުން އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި، ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި ހަތަރު މީހުންނަކީ ވެސް މި މައްސަލައިގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު ގެއްލުނު މައްސަލަ ފާހަގަވެފައިވަނީ މި އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ އެވެ. މި ސިނގިރޭޓްތަކަކީ ޖުމްލަ 1,360 ކޭސް ސިނގިރޭޓް ކަމަށްވާއިރު، މީގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފަ އެވެ.

މި އަދަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ސިނގިރޭޓްގެ ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެންމެ ބޮޑު އެއް ގެއްލުން ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ފުޅާކުރަމުން އަންނައިރު، 12 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، އެމްޕީއެލްގެ 6 މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގުގެ ތެރެއިން ވެހިކަލްތަކަކާއި އިތުރު ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.