ސަރުކާރުން އިސްކަންދޭނީ ރައްޔިތުންނަށް ފައިދާހުރި ދެމެހެއްޓެނިވި ތަރައްގީއަށް: ރައީސް މުއިއްޒު
ސަރުކާރުން އިސްކަންދޭނީ ރައްޔިތުންނަށް ފައިދާހުރި ދެމެހެއްޓެނިވި ތަރައްގީއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެެ.
ލ. ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ސަރުކާރަކުން ވިސްނަންވާނީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހުރި ތަރައްގީއެއް ގެނައުމަށް ކަމަށެވެ. ރިޔާސީ ކެމްޕެއިންގައި ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް ސަރުކާރުން އިސްކަންދޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ލ. ހިތަދޫގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ފެށި، އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި، މި ހުރިހާ މަޝްރޫއުތަކަކީ ވެސް ރައްޔިތުންނަށް ފައިދާހުރި، ކުރިއެރުންތައް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގައި ހަތަރު އެނދުގެ ވޯޑަކާއި ނަރުހުންގެ ވޯޑަކާއި ސްޓޭޝަނަކާއި ޕަބްލިކް ހެލްތު ޔުނިޓަކާއި ލެބޯޓަރީއަކާއި ލޯންޑްރީ، ގަރާޖު އަދި ސްޓޯރޭޖެއް ހިމެނޭނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމަށާއި، އެ މަސައްކަތް ވެސް ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ބޭނުންވާ މުވައްޒަފުން ނެގުމާއި ހިދުމަތްދޭ ގަޑި އިތުރުކުރުން ފަދަ ކަންކަން ހިތަދޫގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by BMLރައީސް މުއިއްޒު ވިދާޅުވީ މި މަހުގެ ތެރޭގައި ހިތަދޫގައި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވި، މިއަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ބީއެމްއެލް ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަސް ނިމެންވާއިރަށް ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، މަގު ހެދުމާއި ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް މިއަދު ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ފުލުހުންގެ މަރުކަޒާއި ސިއްހީ މަރުކަޒުގައި އަލަށް އިތުރު ކުރެވޭ އިމާރާތާއި ވޮލީ ކޯޓާއި ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އައިސް ޕްލާންޓެއް ގާއިމުކުރަން ވެސް ބަޔަކާ ހަވާލުކޮށްފައިވެއެވެ. މި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެއާޕޯޓު އަޅާނެ ރަށެއް އަދި ނުނިންމާ ކަމަށް ވިދާޅުވެ، ހިތަދޫން ވެސް ވަރަށް ރަނގަޅު، ދެކޮޅު ޖެހޭ، ފީސިބިލް ޕްރޮޕޯސަލްއެއް ހުށަހަޅާފައި އޮތް ކަން ފާހަގަކުރެއްވިއެވެ. އެއާޕޯޓު އަޅާނެ ރަށެއް ނިންމާނީ ވަރަށް ވިސްނާފައި ކަމަށް ވިދާޅުވެ، މި ދަތުރުގައި ނުނިންމުމަކީ އެކަން ނުކުރުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by MACL
