ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި

ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފޮނަދޫގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫޢުގެ ދަށުން ކައްދޫ އެއާޕޯޓު ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އިތުރުން ފޮނަދޫ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓު ތަރައްޤީކުރެވޭނީ 2,800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދާއިރު ކައްދޫ ސިފައިންގެ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭނެ ގޮތަކަށް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތާއެކު، ފޮނަދޫއަށް ވެސް ބިން އިތުރުވެގެން ދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެއާޕޯޓު މަޝްރޫޢަށް 114 ހެކްޓަރުގެ ބިމާއި، ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ހެނދުނު ފަށާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މިއީ ލ. އަތޮޅުގެ އިޤްތިޞާދީ ތަރައްޤީއަށް ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢުތަކެކެވެ.