ދެ ހަފްތާ ތެރޭ ދަރަނިތައް ދައްކައި ޚަލާސްކުރާނަން, ފައިސާ ޗާޕެއް ނުކުރާނަން: ރައީސް މުޢިއްޒު
ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ކުރުވާފައިވާ މަސައްކަތްތަކަށް ނުދެވި ހުރި ހުރިހާ ފައިސާއެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެކަން ކުރާނީ ފައިސާ ޗާޕުނުކޮށް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އިޤްތިޞާދު އިންތިހާއަށް ގޯސް ހާލަތެއްގައި އޮތް އޮތުން ބަދަލުކުރެވި، މިހާރު ހާލަތު ރަނގަޅުވަމުންދާ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން، ރައްޔިތުންގެ ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި އެތައް ހާސް މިލިއަން ރުފިޔާގެ ބިލްތައް "ފުނިޖެހިފައި" ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެތައް ހާސް މިލިއަން ރުފިޔާގެ އެތައް ބިލެއްގެ ފައިސާ ނުދައްކާ ހުރީ ސަރުކާރު ބަދަލުވިއިރު. އަޅުގަނޑު މިހާރު ބަލާލާއިރުގައި ވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި. ދެހާސް މިލިއަން ރުފިޔާ. އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު، މިއައީ އެތައް ބިލެއްގެ ފައިސާ ވެސް ދައްކަމުން،" ރައީސް ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވެސް ފައިސާ ދައްކަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފައިސާ ދައްކަންޖެހޭ ކަމަށް ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ކަނޑައެޅިފައި ހުރި ހުރިހާ ބިލްތަކަކަށް ފަސް ހަފްތާ ތެރޭ ފައިސާ ދައްކާނެ ކަމަށް މި މަހުގެ 2 ވަނަ ދުވަހު އިއުލާން ކުރެއްވި ކަމަށެވެ. މިހިނގާ 30 ދުވަހުގެ ތެރޭގައި ކޮށްފައިވާ ބިލްތައް ފިޔަވައި، ދެން ހުރި ހުރިހާ ބިލެއްގެ ފައިސާއެއް ފަސް ހަފްތާ ތެރޭގައި ދައްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ތެރެއިން މިހާރު ބާކީ އޮންނާނީ ކުޑަ ދުވަސްކޮޅެއް. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މި ދަނީ ކުރަމުން. އަޅުގަނޑުވީ އެއްވެސް ވައުދެއް އަޅުގަނޑު ދުލެއް ނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އަޅުގަނޑުވީ ވައުދުތައް ފުއްދަމުން. ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައި ދެމުން. އެހެންވީމަ، މި ދެންނެވިހެން މި ފައިސާ ކުރިއަށް އޮތް ހަފްތާ، ދެ ހަފްތާތެރޭ އަދާކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، މިކަން ސަރުކާރުން ކުރަނީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ފައިސާ ޗާޕުނުކޮށެވެ. "މިކަން އަޅުގަނޑު މި ކުރަނީ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މި ކުރަނީ." ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމާއި ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ސިނާއަތް ފަދަ ސިނާއަތްތައް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތައް ވެގެން ދާނީ ގިނަ ކަންތައްތަކެއް ހަމަޖެހި، ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ ދުވަސްކޮޅަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވެ، ރައްޔިތުންނަށް، ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކެއް އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
Ads by MACL
