ލ. ހުޅިމެންދޫގައި ފަސް ތަރީގެ ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި
ލ. ހުޅިމެންދޫގައި ފަސް ތަރީގެ ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ މިދިޔަ އަހަރު ހަވާލުކުރި މަޝްރޫއު، އެ ޔުނިވަރސިޓީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފި އެވެ. މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމުގެ މުހިންމު މަޝްރޫއެކެވެ.
ލ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅާ ގުޅިގެން މި މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވަނީ ސޮއިކުރައްވާފައެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުއްރަހީމް އެވެ.
މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، މި ރިސޯޓު މަޝްރޫއުގެ ދަށުން ލ. އަތޮޅު ހިމެނޭ ސަރަހައްދަށް އަދި ޓޫރިޒަމް ދާއިރާއަށް ވެސް ފުޅާ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއަކީ ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން ލ. ހުޅިމެންދޫގައި ފަސް ތަރީގެ ރިސޯޓެއް ގާއިމުކުރުމުގެ އިތުރުން، ފެންވަރު ރަނގަޅު ހޮޓެލް ޓްރެއިނިން ސްކޫލެއް ވެސް ގާއިމުކުރެވޭނެ އެވެ. މި ސްކޫލުން ހޮޓެލް މެނޭޖްމަންޓް ދާއިރާއިން އިންޓާންޝިޕްގެ ފުރުސަތުތައް ލިބި، ޕްރޮފެޝަނަލުން އުފެއްދުމަށް މަގުފަހިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަމައެކަނި އޮންނަ އެމްއޭސީއެލްއާ ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހަވާލުކުރަމުންނެވެ. އޭގެ ތެރޭގައި ފިޓްނަސް ސެންޓަރުތަކާއި އެއާޕޯޓްތައް ތަރައްގީކުރުންފަދަ މަޝްރޫއުތައް ހިމެނެ އެވެ.
މިގޮތަށް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފަދަ ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން، އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
