19 އަހަރަށްފަހު ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އިސް އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ 19 އަހަރަށްފަހު، އަންނަ ހުކުރު ދުވަހު ރާއްޖެއަށް އަމިއްލަ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅައަށް އައު ހިތްވަރެއް ގެނެސްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށް ވިޔަސް، މި ދަތުރުފުޅުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ދިވެހި ފުޓްބޯޅަ ކްލަބްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންފަންޓީނޯ މި ފަހަކަށް އައިސް އޭޝިއާގެ ގައުމުތަކަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.
މިއީ ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާއެވެ.
Ads by BMLމިހާރު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމަށް އިންފަންޓީނޯ ވަނީ ފަހުން ތައުރީފް ކުރައްވާފައެވެ. އެފްއޭއެމްގެ ރައީސް ތޯރިގުއާ ބައްދަލުކުރެއްވި ފޮޓޯތަކެއް އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރައްވަމުން، ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތަށް ހިތްވަރު ދެއްވައިފިއެވެ.
ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ރައީސްކަން ކުރެއްވި ދުވަސްވަރު އޭނާއާ އިންފަންޓީނޯއާ ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް، ބައްސާމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއެކު އެ ގުޅުން ހީނަރުވެގެން ދިޔައެވެ.
އިންފަންޓީނޯ މިހާރު ފީފާގެ ރައީސްގެ މަގާމު އަދާކުރައްވަނީ ތިންވަނަ ދައުރެވެ. ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވުނު އިންތިހާބު ކާމިޔާބު ކުރައްވައިގެން، ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ ފުރަތަމަ ފަހަރަށް ފީފާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީއެވެ.
ސްވިޒަލެންޑުގެ ޔުނިވާސިޓީއެއްގެ އެޑްމިނިސްޓްރޭޓިވް ރޯލަކުން މަސައްކަތް ފެށި އިންފަންޓީނޯ، 2000 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާއާ ގުޅިވަޑައިގެންނެވިއެވެ. ޔުއެފާގެ ޑިރެކްޓަރ އޮފް ލީގަލް އެފެއާޒްގެ މަގާމާއި ކްލަބް ލައިސަންސިން ޑިވިޝަންގައި މަސައްކަތް ކުރެއްވުމަށް ފަހު، 2007 ވަނަ އަހަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އިންފަންޓީނޯއަށް ލިބިވަޑައިގެންނެވިއެވެ.
އޭގެ ފަހުން، ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން، ޔުއެފާ ނޭޝަންސް ލީގު ތައާރަފް ކުރެއްވުމުގައި އިސް ދައުރެއް އިންފަންޓީނޯ އަދާކުރެއްވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ޔޫރަޕްގެ ތަފާތު 12 ސަރަހައްދެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ މަސައްކަތް ފުރަތަމަ ޕްލޭން ކުރުމުގައި ވެސް އިންފަންޓީނޯގެ ހިއްސާ ބޮޑެވެ.
މިހާރު އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާއިރު، ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް އޭގެ ފޮނި ނަތީޖާއެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
Ads by MACL
