ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުންޑޫ ރައްޔިތުންނަށް އުފާވެރި ދުވަހެއް، މުންޑޫގައި އޭޓީއެމް ހިދުމަތް ރައީސް އިފްތިތާހުކޮށްދެއްވައިފި

މުންޑޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުން ---
މުންޑޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުން ---

ލ. މުންޑޫގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ރަށުގައި އޭޓީއެމް ހިދުމަތް ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މިކަމުގެ ސަބަބުން މިހާތަނަށް ބޭންކިން ހިދުމަތްތަކަށް ކައިރި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ދަތިކަން މުންޑޫގެ 176 މީހުންގެ އާބާދީއަށް ނިމުމަކަށް އަންނާނެއެވެ.

މުންޑޫގައި ބެހެއްޓުނު މި އޭޓީއެމްއާ އެކު މުންޑޫ ރައްޔިތުންނަށް ދެން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ފައިސާ ފޮނުވުން ފަދަ މުހިންމު ބޭންކިން ހިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.

މިއީ ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ތެރެއިން ފެށުނު ހިދުމަތެކެވެ. މި މަޝްރޫޢުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން 250 އަށްވުރެ ގިނަ އޭޓީއެމް މުޅި ރާއްޖޭގައި ގާއިމްކުރުމަކީ ބީއެމްއެލްގެ އަމާޒެވެ.

ރައީސް ޑރ. މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުންޑޫގެ އިތުރުން ލ. ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، އިސްދޫ އަދި ކަލައިދޫގައި ވެސް އޭޓީއެމް ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް އޭޓީއެމް
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވޭ ރަށްތަކުގެ އަދަދު 103 އަށް އަރާނެ ކަމަށެވެ. މިއީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ބޭންކުން ދޭ އިސްކަން ދައްކުވައިދޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ، ރާއްޖޭގެ 20 އަތޮޅުގައި ގާއިމުކޮށްފައިވާ 42 ބްރާންޗާއި، 194 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 252 އޭޓީއެމްގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.