ރައީސްގެ ތަރައްގީގެ މަޝްރޫތައް ފެށިގެންދިޔުމަކީ އިދިކޮޅަށް ކެތްވާނެ ކަމެއް ނޫން: މެންބަރު މުޙައްމަދު އިސްމާއީލް
ރައްޔިތުން ގާތައްގޮސް ރައްޔިތުމީހާގެ ހާލަތާއި ވިންދު ބަލައި އެރަށަކަށް އެންމެ ބޭނުން ޖެހިފައިވާ ތަރައްގީގެ މަޝްރޫތައް ރައީސް ފައްޓަމުންދިޔުމަކީ އިދިކޮޅު ފަރާތްތަކަށް ކެތްވާނެ ކަމެއް ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައި، މެންބަރު މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ގަދަވަޔާއި ވިއްސާރައިގާ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ވަޑައިގެން ރައްޔިތުންގެ ޙާލަތު ބަލައި، އެންމެ ބޭނުންޖެހިފައިވާ މަޝްރޫޢުތައް ފައްޓަވަމުންދާ ކަން އިދިކޮޅު ފަރާތްތަކަށް ކެތް ނުވަނީއެވެ.
މެންބަރު މުޙައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިކަން ހަޖަމުނުވެގެން ފިތުނަ އުފައްދައި، ޤައުމު ފަސާދައަށް ވައްޓާލައި، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، ރައީސަކީ ފިތުނަވެރިންގެ ވާހަކައިގައި ޖެހިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް ކަމެއް މަޑުޖައްސަވާނެ ބޭފުޅެއް ނޫންކަން މިހާރު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ސާފުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLމި ޓްވީޓަކީ، ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެކަމަށް ދެއްވި ރައްދެކެވެ. ރައީސްގެ ދަތުރުފުޅުތަކާއި، އެ ދަތުރުފުޅުތަކުގައި ފައްޓަވާ މަޝްރޫޢުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބައިމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހައްލުތަކަށް މަޝްވަރާ ކުރައްވަމުން އެބަގެންދަވައެވެ. މިއީ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑރ. މުއިއްޒު ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.
މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެ ރަށަކަށް އެންމެ ބޭނުންޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ދެނެގަނެ، އެ މަޝްރޫޢުތައް ފެށުމަށް މަގުފަހިކުރުމެވެ.
ޑރ. މުޢިއްޒު ސަރުކާރުން ވެރިކަމަށް އައީއްސުރެ ރައްޔިތުންނަށް ވަމުންގެންދާ ވައުދުތައް ފުއްދުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މި މަޝްރޫޢުތަކަށް ފާޑުކިޔައި، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ތުހުމަތުކުރައްވާފައެވެ.
Ads by MACL
