ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ: މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ: މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ޤައުމީ އިދާރާއިން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް މެންދުރު 14:30 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. މީގެ ސަބަބުން ކަނޑުތައް ގަދަވެ، ދަތުރުފަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކުރައްވައެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ވައިގަދަވެގެން ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިޖެހުން އެކަށީގެންވެއެވެ. ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައެވެ. އެގޮތުން ކައްދޫއަށް 50.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.