މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން، އިސްލާމީ ދާއިރާގެ 15 ބޮޑު މަޝްރޫޢެއް ރޯދައަށް ނިމޭނެ: ޝަހީމް
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން، އިސްލާމީ ދާއިރާގެ 15 ބޮޑު މަޝްރޫޢެއް އަންނަ ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، މަޝްރޫޢުތައް ނިންމުމަށް ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަ މަހުގެ ކުރިން ނިމޭނެ 15 މަޝްރޫޢުގެ ތެރޭގައި 500 މީހުންނާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Ads by BMLމިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިއީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ރައީސް އިޢުލާނުކުރައްވާފައިވާ ޚާއްޞަ ސިޔާސަތެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށާއި، މިހާރު ވެސް ގިނަ ރަށްރަށުގައި ގޮފިތައް ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ތެރޭގައި އިތުރަށް މި މަސައްކަތް ފުޅާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޤުރުއާނުގެ ޢިލްމު ކިޔަވައިދޭން ޤާބިލު މުދައްރިސުން ނެތް ރަށްރަށަށް ބޭރުން މުދައްރިސުން ވެސް ގެނެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
Ads by MACL
