ކުރިއަށްއޮތް 5 މަސްތެރޭ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލް ޚިދުމަތް ލިބޭނެ: ރައީސް މުޢިއްޒު
ކުރިއަށްއޮތް މަސްތެރޭ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލް ޚިދުމަތް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅު ގަމުގައި ވާހަކަ ދައްކަވަމުން ، ރައީސް ވިދާޅުވީ މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ފަސޭހަ ގުޅުމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތް ދެމުން އަންނައިރު، މިހާތަނަށް 12 އަތޮޅެއްގައިވަނީ ޚިދުމަތް ފަށާފައެވެ. އެންމެ ފަހުން އާރުޓީއެލް ގެ ޚިދުމަތް ފަށާފައިވަނީ ތ. އަތޮޅުގައެވެ.
Ads by BMLރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ މުޅި ރާއްޖޭ RTL ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަތޮޅުތަކަށް ފޮނުވަންޖެހޭ ލޯންޗު ފެރީގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯންޗުތައް ނިމޭހާ އަވަހަކަށް ލ. އަތޮޅުގައިވެސް އާރުޓީއެލް ގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭ އާރުޓީއެލް ގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
"އެހެންވީމައި އާރުޓީއެލް ގެ ޚިދުމަތަށް އިންތިޒާރު ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ. ގާތްގަނޑަކަށް ފެބްރުއަރީ މާރޗްއާ ހިސާބަށް ދާއިރު މި އަތޮޅަށްވެސް އަދި ދެންހުރި ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށްވެސް އެއޮތީ އެކަން ފެށޭ ގޮތްވެފައި. އެކަން އެގޮތަށް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. ޚިދުމަތް ފެށުމުގެ ކުރިން ކޮންމެ އަތޮޅެއްގައިވެސް ދަތުރުކުރާ ރޫޓުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް އެމްޓީސީސީން ކުރިއަށްގެންދެއެވެ.
އާރުޓީއެލް ގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ. މިގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށްވެސް މި ޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ކުރެއެވެ. އާރުޓީއެލް ގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ބޮޑު ބަދަލެއް އައިސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
Ads by MACL
