އެކަނިވެރި މައިންގެ އެލަވަންސް އަކީ ވަރި ގިނަވުމަށް ކޮށޭ އިތުރު މަގެއްނޫންބާ؟
ދިވެހިރާއްޖެއަކީ ދުނިޔޭގައި އެންމެ ގިނައިން ވަރިވާ ޤައުމުގެ ނުރަނގަޅު ރެކޯޑް އޮތް ޤައުމެކެވެ. އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑު 2014 ވަނަ އަހަރުން ފެށިގެން އޮތީ ދިވެހިރައްޖޭގައެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި ވަނީ، ރާއްޖޭގައި ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 އިންސައްތަ ވަރި، ނިސްބަތުން ބަލާނަމަ ކުރާ ކަމަށެވެ.
ރާއްޖެ ފިޔަވާ ދެވަނައަށް އެންމެ ވަރި ގިނަ ގައުމަކީ ބެލަރޫސް އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.63 ވަރި އެވެ. މި ލިސްޓުގައި ތިންވަނައިގައި ވަނީ އެމެރިކާ އެވެ. އެ ގައުމުގެ ވަރީގެ ރޭޓްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ ކޮންމެ 1000 މީހަކަށް 4.34 ވަރި އެވެ.
މިފަދަ ނާޒުކު އިޖުތިމާޢީ މާޙައުލެއްގައި، އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަކީ، ވަރިވުމުގެ މައްސަލަ އިތުރަށް ގޯސްކޮށްލާނެ ކަމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
Ads by BMLއެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް މި ސަރުކާރުން ބޮޑުކުރުމަށް ރައީސް މުޢިއްޒު ނިންމެވުމާއި ގުޅިގެން، މިއީ މުޖުތަމަޢުގައި އެކަނިވެރި މައިންގެ އަދަދު އިތުރުވެ، ކައިވެނި ރޫޅާލުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި، މި ފައިސާ ހޯދުމުގެ ބޭނުމުގައި ބައެއް މީހުން ކައިވެނި ރޫޅާލުމަށްފަހު، ކައިވެނީގެ ބޭރުން އެކުގައި ދިރިއުޅުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އަދި ހަމައެކަނި ހުސްހަށިބަޔަށް ހުރުން ޝަރުޠުކުރުމަކީ ޒިނޭއަށް މަގުފަހިކުރުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިފަދަ އެހީއެއް ދޭންވީ ހަމައެކަނި އެކަނިވެރި މައިންނަށް ނޫން ކަމަށާއި، ދަރިންގެ ޚަރަދުބަރަދު ހަމަނުޖެހިގެން އުޅޭ ކޮންމެ މަންމައަކާއި ބައްޕައަކަށް، އަދި ދެމަފިރިންނަށް ވެސް މި އެހީ ލިބެންޖެހޭނެ ކަމަށް އެމީހުން ދެކެއެވެ.
މިކަމާ ގުޅިގެން އަނެއްކޮޅުން ޚިޔާލުފާޅުކުރި ފަރާތްތަކުން ބުނާ ގޮތުގައި މިއީ ވަރަށް މުހިންމު އަދި ރަނގަޅު ނިންމުމެކެވެ. އެކަނިވެރި މައިންނަށް ދިމާވާ މާލީ ދަތިތަކަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ. ކުރީގެ އުސޫލުތަކުގެ ސަބަބުން އެލަވަންސް ލިބުމުގައި ހުރި ހުރަސްތައް މި ބަދަލާއެކު ނެތިގެންދާނެ ކަމަށާއި، ޚާއްސަކޮށް ތިން ކުދިންނަށްވުރެ ގިނައިން ތިބޭ އާއިލާތަކަށް ކުރިން ލިބެމުން އައި 3000 ރުފިޔާގެ ސީލިންގް އުވިގެން ދިއުމަކީ ބޮޑު ލުޔެއް ކަމަށް އެމީހުން ބުނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އެކަނިވެރި މައިންބަފައިންނަށް ދެ އެލަވަންސެއް ލިބުމުގެ ފުރުސަތު ފަހިވުމަކީ މި ނިންމުމުގެ އިތުރު ހެޔޮ އަސަރެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.
އެކަނިވެރި މައިންނަށް އެލަވަންސް ދިނުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު (2/2014) ގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ޝަރުތުހަމަވާ އެކަނިވެރި މައިންނަށް 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް މަހަކު 1000 ރުފިޔާ ދެއެވެ. އެންމެ ގިނަވެގެން ދެވޭނީ 10،000 ރުފިޔާއެވެ. މި އެލަވަންސް ދޭން ފެށުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު އެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެންމެ ބޮޑު އެއް ނުރައްކަލަކީ، ވަރިވުމަށްފަހު މާލީ ގޮތުން ދެވޭ އެހީތެރިކަން އިތުރުވުމުގެ ސަބަބުން، ވަރިވުމަކީ ފަސޭހަ ނިންމުމަކަށް ވެގެންދިއުމެވެ. މާލީ ގޮތުން ބާރުދެވޭ ސިޔާސަތެއްގެ ސަބަބުން، ކައިވެނީގެ ބަންދުގައި ދެމިތިބުމުގެ ޟަރޫރީ ބޭނުން ކުޑަވެ، ޚާއްޞަކޮށް ދިރިއުޅުމުގެ ޙާލަތު ދަށް ފަރާތްތަކަށް ވަރިވުމަށް ބާރުއަޅާ ކަމަކަށް މިކަން ވެދާނެއެވެ.
މިފަދަ އެލަވަންސެއް ބޮޑުކުރުމަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެކެވެ. މި ފައިސާ ހޭދަކުރެވެނީ ވަރިވުމަށްފަހު އުފެދޭ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ބަދަލުގައި، އެކަން އިތުރަށް ފުޅާކުރުމަށެވެ. މީގެ އިތުރުން، ވަރިގިނަވުމަކީ ދަރިންގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. އެކަނިވެރި މައިންގެ ޢަދަދު އިތުރުވުމަކީ، ދިގު މުއްދަތުގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ހުރަސްއަޅާ، އިޖުތިމާޢީ ގޮތުން ގިނަ މައްސަލަތަކެއް އުފެދޭނެ ކަމެކެވެ.
އެކަނިވެރި މައިންނަށް މާލީ އެހީތެރިކަން ދިނުމުގެ ބަދަލުގައި، ވަރި މަދުކުރުމަށް އަމާޒުކޮށްގެން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުން މާ މުހިންމެވެ. މިގޮތުން، ވަރިވުމުގެ ކުރިން ފެމިލީ ކޯޓް މެދުވެރިކޮށް މަޖުބޫރު ކައުންސިލިންގ ޕްރޮގްރާމްތައް ތަޢާރަފްކުރުމަކީ ކައިވެނި ރޫޅާލުމުގެ ކުރިން ޢާއިލީ ގުޅުން ބަދަހިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި ކައިވެނި ދެމެހެއްޓުމަށްޓަކައި ކައިވެނީގެ ކުރިންނާއި ފަހުން ވެސް ޢާއިލީ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުން މުހިންމެވެ.
އެންމެ މުހިންމު ޙައްލަކީ، ވަރިވުމަށްފަހު ދަރިންގެ ޚަރަދު ބެލެހެއްޓުމުގެ ޒިންމާ ފިރިމީހާގެ ކޮނޑުގައި އެޅުވޭނެ ގޮތަށް ޤާނޫނުތައް ހަރުދަނާކޮށް، އެކަން ތަންފީޒުކުރުމުގެ ނިޒާމް ހަރުދަނާކުރުމެވެ. މިހާރު ދައުލަތުން ދޭ ފައިސާގެ ބަދަލުގައި، ފިރިމީހާގެ ކިބައިން އެ ޚަރަދު ހޯދުމަށް ފަސޭހަކުރުމަކީ، ވަރިވުމުގެ ނިންމުން ނިންމުމުގައި މާލީ ޔަޤީންކަމުގެ ބޭނުން ކުޑަކޮށް، ޢާއިލީ ޒިންމާދާރުކަން އިތުރުކުރާނެ ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ސިޔާސަތަކީ، ވަގުތީ ޙައްލެއްކަމުގައި ވިޔަސް، ދިގު މުއްދަތުގައި ރާއްޖޭގެ އިޖުތިމާޢީ މައްސަލަތައް އިތުރަށް ގޯސްކޮށްލާނެ ކަމެކެވެ. އޭގެ ބަދަލުގައި ވަރިގިނަވުމުގެ ދުނިޔޭގެ ރެކޯޑް އޮތް ޤައުމެއްގައި، ޢާއިލީ ގުޅުން ބަދަހިކޮށް، ވަރި މަދުކުރުމަށް އަމާޒުކުރެވޭ ސިޔާސަތުތަކަށް އިސްކަންދިނުން މާ އައުލާކަން ބޮޑުކަމުގައި ގިނަފަރާތްތަކުން ދެކެއެވެ.
- އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު (2/2014)
- ވަރީގެ ރެކޯޑް (ގިނީސް ވޯލްޑް ރެކޯޑްސް)
- ވަރީގެ ހާލަތު (މޯލްޑިވްސް އިންޑިޕެންޑެންޓް)
- އެލަވަންސް ފެށުނު ވެރިކަން (މިހާރު ނޫސް)
Ads by MACL
