އައްޑޫ ދެމަފިރިން ނިޔާވުމުގައި ޝައްކުކުރެވޭ ކަމެއް ނެތްކަމަށް ފުލުހުން ބުނެފި
އައްޑޫ ސިޓީ ހިތަދޫގެ ވަކި ސަރަހައްދެއްގައި ހުރި ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި ވަނިކޮށް ފެނުނު ހާދިސާއާ ގުޅިގެން މިހާތަނަށް ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މި މައްސަލަ ތަހްގީގުކުރަމުން އަންނައިރު، މިވަގުތު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނެތްކަމަށްވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ 'ކުރޭނގު' އިބްރާހިމް އަބްދުﷲ (60އ) އާއި ސ. މަރަދޫ 'ނާރެސް' ފަރަހަނާޒް ރަޝީދު (52އ) ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
Ads by BMLމައުލޫމާތު ލިބޭގޮތުގައި، މި ދެމަފިރިން ފެނުނީ ހިތަދޫގެ ޓުއަރިޒަމް ޒޯން ސަރަހައްދުގައި ހުރި އެމީހުންގެ އަމިއްލަ ގޭގެ ކޮޓަރީގެ ތެރެއިންނެވެ. އާއިލާގެ ބައެއް ފަރާތްތަކަށް އެ ދެމަފިރިންގެ ހަބަރެއް ނުވެ ގިނައިރުވުމުން އެގޭ ބަލާލަން ދިއުމުން، އެ ދެމަފިރިން ނިޔާވެފައިވާތަން ފެނުނު ކަމަށް ހާދިސާގެ މައުލޫމާތު ދީފައިވާ ފަރާތަކުން 'ޖީލްއޮންލައިން' އަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށާއި، މިވަގުތު ތަހުގީގަށް ހުރަސް އެޅިދާނެފަދަ އެއްވެސް މައުލޫމާތެއް ހާމަނުކުރާނެ ކަމަށެވެ.
ނިޔާވި ދެމަފިރިން ދިރިއުޅުނު ސަރަހައްދަކީ ޓުއަރިޒަމް ޒޯނާ ކައިރީގައި ހިމެނޭ ވަލުތެރޭގެ ހިސާބަކަށްވުމާއެކު، އާންމުކޮށް މީހުން ގޮސް ހަދާ ސަރަހައްދެއް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިވަގުތު ދެމަފިރިންގެ ހަށިގަނޑު ވަނީ އިތުރު ބެލުންތަކަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
Ads by MACL
