ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ އަހަރުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވެފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޤާނޫނުގައިވާ ގޮތުގެ މަތިން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ޤާނޫނު ބުނާ ގޮތުން، ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެނީ އަހަރު ނިމުމުގެ ދެ މަސް ދުވަސް ކުރިންނެވެ. މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ބަޖެޓު އެކުލަވާލުމަށްޓަކައި ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކޮށް، ފުރަތަމަ ޑްރާފްޓު ތައްޔާރުކުރުމަށްފަހު އަންނަ އަހަރު ކުރިއަށްގެންދާނެ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މީގެ ތެރޭގައި ރައީސް މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އިއުލާން ކުރައްވާ މަޝްރޫއުތައްވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ޤާނޫނުގައިވާ ގޮތަށް މިމަސް ނިމުމުގެ ކުރިން ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓަށް ފައިނޭންސް ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ބަޖެޓު އެކުލަވާލަނީ ރާއްޖޭގެ ޢާމްދަނީއަށް ބަލައިގެން ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓްތަކަށް ސަޕްލަޔަރ ކްރެޑިޓްގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސިން މެދުވެރިކޮށް، ހިލޭ އެހީއާއި، މަލްޓިލެޓްރަލް އެޖެންސީތަކުން ލިބޭ ލޯނުގެ އިތުރުން ބޭރުގެ ޤައުމުތަކުން ލިބޭނެ އެހީތަކާ އެކު ފަންޑުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.