ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

50 މޭލަށް ވައިބާރުވާނެކަމަށް ލަފާކޮށް، ތ.އަތޮޅުން އުތުރަށް ޔެލޯ އެލާޓް ނެރެފި

50 މޭލަށް ވައިބާރުވާނެކަމަށް ލަފާކޮށް، ތ.އަތޮޅުން އުތުރަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމާއި ގުޅިގެން، ތ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން މެންދުރުފަހު 13:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން އާދަޔާ ޚިލާފަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މި އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންނާއި، ޚާއްސަކޮށް ދަތުރުވެރިން، މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.