ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުވުމުން، ދައުލަތުގެ ބަޖެޓު 186 މިލިއަނުން ސާޕްލަސްވެއްޖެ
ސަރުކާރުން ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓު 186.7 މިލިއަން ރުފިޔާއިން ސާޕްލަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓަށް ބަލާއިރު، މި މަހުގެ 16 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 30.5 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. ދައުލަތުގެ ޚަރަދުތައް ދަށްވެފައިވަނީ ސަރުކާރުން ގެންގުޅޭ މާލީ އިސްލާހީ ސިޔާސަތުތަކުގެ ސަބަބުންނެވެ.
Ads by BMLއާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 75.1 އިންސައްތައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު ގްރީން ޓެކްސް 105.3 އިންސައްތަ، ޑިޕާޗާ ޓެކްސް 56.4 އިންސައްތަ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 61.0 އިންސައްތަ އިތުރުވެފައިވެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވެ، 1.7 މިލިއަނަށްވުރެ މައްޗަށް އެރުމެވެ.
Ads by MACL
