ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒުއާއި ފީފާގެ ރައީސް ގަލޮޅު ދަނޑުން ވާދަކުރައްވަނީ

ރައީސް މުއިއްޒުއާއި ފީފާގެ ރައީސް ގަލޮޅު ދަނޑުން ވާދަކުރައްވަނީ

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 19 އަހަރަށް ފަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ހާއްސަ ފުޓްބޯޅަ މެޗެއްގައި ވާދަކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، މާދަމާ ރާއްޖެ ވަޑައިގަންނަވާ އިންފަންޓީނޯ، ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންފަންޓީނޯގެ ޝަރަފުގައި ބާއްވާ މި ހާއްސަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ. ކުޅިވަރަށް ލޯބިކުރާ އާންމުންނަށް ހިލޭ ބެލޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ މި މެޗުގައި ރައީސް މުއިއްޒުގެ އިތުރުން އިންފަންޓީނޯ ވެސް ކުޅިވަރުގެ ހުނަރު ދައްކަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އިންފަންޓީނޯ، އެފްއޭއެމްގެ އިސްވެރިންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި ރާއްޖޭގެ ފުޓްބޯޅަ ކުލަބުތަކުގެ މަންދޫބުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގަންނަވަނީ 19 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ރާއްޖެއަށް ފީފާގެ ރައީސަކު ވަޑައިގަތީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓަރެވެ.