ވައިގެ ދަތުރުފަތުރުގެ އާ ގަވާއިދުގެ ދަށުން ހިދުމަތްތަކުގެ ވިޔަފާރި ހުއްދަ ދެން ދޫކުރެވޭނީ 100% ދިވެހި ކުންފުނިތަކަށް: ވަޒީރު އަމީން
ވައިގެ ދަތުރުފަތުރުގެ އާ ގަވާއިދުގެ ދަށުން ހިދުމަތްތަކުގެ ވިޔަފާރި ހުއްދަ ދެން ދޫކުރެވޭނީ 100% ދިވެހި ކުންފުނިތަކަށްކަމުގައި ވަޒީރު އަމީން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ވިޔަފާރިތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) އިން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި ޚިދުމަތްތަކާއި ބެހޭ އައު ޤަވާއިދެއް ވަރަށް އަވަހަށް ގެޒެޓުކުރާން ނިންމާފައިވާކަމަށެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ޤައުމީ ފުދުންތެރިކަން މަތިކޮށް، ދިވެހި ވިޔަފާރިތަކަށް އިތުރު ބާރު ދިނުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މި އައު ރެގިއުލޭޝަންގެ ދަށުން، ޖެނެރަލް ސޭލްސް އޭޖެންޓުން (GSAs)، ޕެސެންޖަރ ސޭލްސް އޭޖެންޓުން (PSAs)، އަދި ކާގޯ ސޭލްސް އޭޖެންޓުން (CSAs) ގެ ހައިސިއްޔަތުން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ހުއްދަ ދެވޭނީ، ހަމައެކަނި (100%) ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
Ads by BMLވަޒީރު އިތުރަށް ފާހަގަކުރެއްވީ، މި އިސްލާޙަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ގެނެވުނު މުހިންމު ބަދަލެކެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުންދީ، އެ ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކުން ގިނަ ދުވަސްތަކެއްވަންދެން އެދެމުންއައި ބަދަލެއް ކަމަށެވެ. އަލަށް މި އެކުލަވާލާ ޤަވާއިދަކީ ވައިގެ ދަތުރުފަތުރު އަދި ޓްރާންސްޕޯޓް ދާއިރާއިން ލިބޭ މާލީ ފައިދާތައް ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމެކެވެ. ދިވެހިންގެ މިލްކުވެރިކަމަށް އިސްކަންދީ ލޯކަލް ވިޔަފާރިވެރިންނަށް ފުޅާ ދޮރުތަކެއް ހުޅުވުމާއެކު، ސަރުކާރުން މަސައްކަތްކުރަނީ އިންސާފުވެރި ވާދަވެރި މާހައުލެއް ޤާއިމުކޮށް، ދިވެހި ކުންފުނިތަކުގެ ޤާބިލުކަން އިތުރު ކުރުމަށެވެ.
ވަޒީރު އަމީން ވިދާޅުވާ ގޮތުގައި، މި ސިޔާސަތަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ހަރުދަނާކުރުމާއި، ދިވެހިންގެ އަމިއްލަ ބާރުތަކުން ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދިގު ރާސްތާ ތަޞައްވުރުގެ ސިޔާސަތެކެވެ.
ކައިރި މުސްތަޤްބަލެއްގައި މި ޤަވާއިދު ރަސްމީކޮށް ގެޒެޓުކުރެވިގެންދާނެ އެވެ. އޭގެ ފަހުން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން މި ޤަވާއިދު ތަންފީޒުކުރަން ފަށާނެއެވެ.
Ads by MACL
