ސިނގިރޭޓް ވައްކަން: ދޯނީގެ ކެޕްޓަން ހައްޔަރުކޮށް 7 ދުވަހުގެ ބަންދު ޖަހައިފި
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެޅި ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި، އެ ކޮންޓެއިނަރުތައް ހުޅުމާލެ ބަނދަރުން ގެންދިޔަ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.
ނ. މިލަދޫއަށް ނިސްބަތްވާ މި ކެޕްޓަން ވަނީ މި އަމަލުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ، ކްރިމިނަލް ކޯޓުގެ އަމުރަށް ހަތް ދުވަހުގެ ބަންދަށް ޖަހާފައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެކެވެ. މީގެ އިތުރުން މައްސަލައިގެ ތަހުގީގަށް ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި، ވަގަށް ނަގާފައިވާ ކޮންޓެއިނަރުގެ ދެ ބައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
Ads by BMLމި މައްސަލައަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އަތުލައިގަތް 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު، އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުއްޓައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ވަގަށް ނަގާފައިވާ މައްސަލައެކެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި 1،360 ސިނގިރޭޓު ކޭސް ހުރިއިރު، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމުން ލަފާ ކުރެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން މިފްކޯގެ އިސް މަގާމެއްގައި ހުންނެވި މުއާޒު އަލީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހުމާން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން 12 މީހަކު ގައުމުން ފުރުން މަނާކޮށް، ގިނަ އަދަދެއްގެ ތަންތަނާއި އުޅަނދުތައް ބަލައި ފާސްކޮށްފައި ވެއެވެ.
Ads by MACL
