ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަންނެލި މަސްވެރިކަން ތަރައްޤީކުރަން ހުޅުމާލެއިން ބިމެއް މާލީ ވުޒާރާއާ ހަވާލުކޮށްފި

ކަންނެލި މަސްވެރިކަން ތަރައްޤީކުރަން ހުޅުމާލެއިން ބިމެއް މާލީ ވުޒާރާއާ ހަވާލުކޮށްފި

ކަންނެލި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ހުޅުމާލެއިން ކަނޑައަޅާފައިވާ ބިމެއް މާލީ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިންނެވެ.

ހުޅުމާލެއިން ބިން ހަވާލުކުރުމަށް އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ސޮއިކުރެއްވިއިރު، މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމްއެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބިމުގައި ކަންނެލި މަސްވެރިކަމަށް ޚާއްސަ ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުންނެވެ.

މި ފެސިލިޓީ ބޭނުންވަނީ ކަންނެލި މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މަސް ބަންދުކުރުމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށެވެ. ކުރިން މިކަމަށްޓަކައި ކަނޑުއޮށްގިރީގައި މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް، ކަނޑުއޮށްގިރި އެމްއެންޑީއެފްގެ ބޭނުމަށް ނެގުމާއެކު، ކަންނެލި މަސްވެރިން ބޭނުންވާފަދަ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. "ވަރަށް އަވަހަށް އެ ފެސިލިޓީ ޤާއިމުކުރުމަށްޓަކައި ހުޅުވާލެވިގެންދާނެ، މިފްކޯއިން ހުޅުވާލާނީ ވެސް. އިރާދުކުރެއްވިއްޔާ ކުދި ކަންނެލި މަސް ބަންދުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް މުހިންމު މާހައުލަކަށް އެތަންވާނެ. އޭރުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ގޮންޖެހުން ހައްލުވެގެންދާނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވެސް ވިދާޅުވާ ގޮތުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެކެވެ.