ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާދަމާގެ ހާއްސަ މެޗު، ބޮޑު ދުވަހެއް، އިޓަލީގެ ލެޖެންޑް، މަޝްހޫރު ކުޅުންތެރިޔާ މަޓެރާޒީގެ ކުޅުން ފެންނާނެ!

އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ތަރި، މާކޯ މަޓެރާޒީ ---
އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ތަރި، މާކޯ މަޓެރާޒީ ---

މާދަމާ ހަވީރު ގަލޮޅު ދަނޑުގައި، ދިވެހި ފުޓްބޯޅަ ތާރީޚްގައި ފާހަގަކޮށްލެވޭނެ ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވެފައިވާއިރު، މި މެޗުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ހާއްސަ މެޗުގައި، ފީފާ ޓީމަށް، އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ތަރި، ފުޓްބޯޅަ ލެޖެންޑް މާކޯ މަޓެރާޒީ ވެސް ހިމެނެ އެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނި ގޮތުގައި މި މެޗަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ރައީސަކު ރާއްޖެ އަށް މި ވަޑައިގަންނަވަނީ 19 އަހަރަށް ފަހު އެވެ. އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެ އަށް ވަޑައިގެންނެވީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.

ފީފާ ޓީމުގައި މަޓެރާޒީގެ އިތުރުން، ފީފާގެ ރައީސް އިންފަންޓީނޯ، ފީފާގެ ސެކްރެޓަރީ ޖެނެރަލް، މަޓިއަސް ގްރާފްސްޓްރަމް، ފީފާ ޕްރެޒިޑެންޓްސް އޮފީހުގެ ހެޑް، ފެޑެރީކޯ ރަވިލިއޯނީ، ފީފާ އެކްޒެކިއުޓާ އޮފީސް މެނޭޖަރު، ޖިއާނީ މަންކާ، ފީފާ ކޮމިއުނިކޭޝަން އެޑްވައިޒަރު އޮނޯފްރޭ ކޮސްޓާ، އަދި ފީފާ ރީޖަނަލް އޮފީހުގެ ޕްރިންސް ރުފަސް ހިމެނެ އެވެ.

ރާއްޖޭގެ ފަރާތުން ފީފާ ޓީމުގައި ހިމެނެނީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)، އެފްއޭއެމް ހިންގާ ކޮމިޓީގެ މެމްބަރުން، އަދި ގައުމީ ޓީމުގެ ކުރީގެ ދެ ތަރިންކަމަށްވާ އިމްރާން މުހައްމަދު، މުހައްމަދު އުމެއިރުގެ އިތުރުން، އެފްއޭއެމްގެ ހިންގާ ކޮމިޓީ މެމްބަރު، އަލީ އިބްރާހިމް (ކައްޕި)، ހުސެއިން ޝާފިއު (ކޮކީ) އަދި، ގައުމީ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭން ހިމެނެ އެވެ.

މީގެ އިތުރުން، ގައުމީ ޓީމަށް ކުރިން ކުޅުނު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގޯލު ޖެހި، މުހުތާރު ނަސީރު (ޓޫކިލޯ) އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަލީ ޝިހާމް (ހުރާ އައްޔަ) ވެސް މި ޓީމުގައި ހިމެނެ އެވެ.

މި މެޗަކީ ދިވެހި ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އެފްއޭއެމްގެ ރައީސް ޓޮމް ވިދާޅުވެފައިވެ އެވެ. އޭނާ ވަނީ، އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަކީ، ދިވެހި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ލިބުނު ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ.