ދެވަނަ ކުއާޓަރުގައި ދިވެހި އިޤްތިޞާދު ހަރުދަނާވެ، އިންފްލޭޝަން ދަށްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިގްތިސާދީ އަދާހަމައިގައިވާ ގޮތުން، ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހި، އިންފްލޭޝަން ރޭޓު ނުވަތަ ތަކެތީގެ އަގު %4.6 އަށް ދަށްވެފައިވެއެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ މި މުއްދަތުގައި ފާހަގަކޮށްލެވޭ ވަރަށް ކުރިއެރުންތަކެއް ހޯދާފައެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އިގްތިސާދީ މި ކުރިއެރުން ލިބިފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އަދި އިމާރާތްކުރުމުގެ ދާއިރާއިން ލިބުނު ހަރުދަނާ ކުރިއެރުމުގެ ސަބަބުންނެވެ. މިގޮތުން، ދެވަނަ ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 475,708 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %16 އިތުރު އަދަދެކެވެ. ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާފައިވާއިރު، އަހަރެއްގެ މިހާތަނުގައި މި އަދަދު ހާސިލްކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.
މަސްވެރިކަމުގެ ދާއިރާއިންވެސް ދެވަނަ ކުއާޓަރުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނިފައިވެއެވެ. ގަތް މަހުގެ ޖުމްލަ އަދަދު %101 އިތުރުވެފައިވާއިރު، މީގެ ތެރެއިން ކަޅުބިލަމަހުގެ އަދަދު %133 އިތުރުވެފައިވެއެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާވެސް ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރާފައެވެ. ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން މި ދާއިރާ ވަނީ އިތުރަށް ހަރުދަނާވެފައެވެ. ރިއަލް އެސްޓޭޓް ދާއިރާވެސް ވަނީ އެއްހަމައެއްގައި ކުރިއަރާފައެވެ.
Ads by BMLއިންފްލޭޝަން ރޭޓް ދަށްވުމަކީ ދެވަނަ ކުއާޓަރުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމެވެ. ކުރީ ކުއާޓަރުގެ %5.3 އާ އަޅާބަލާއިރު، މި ކުއާޓަރުގައި އިންފްލޭޝަން ރޭޓު %4.6 އަށް ދަށްވެފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. މިއީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހުމުގެ ނަތީޖާއެކެވެ.
ސަރުކާރުގެ މާލީ ހާލަތުވެސް ވަނީ ފާހަގަކޮށްލެވޭ ވަރަށް ރަނގަޅުވެފައެވެ. ހިލޭއެހީ ނުހިމަނާ ޖުމްލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ލޯނު އަނބުރާ ދެއްކުން ނުހިމަނާ ޖުމްލަ ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މި ހަރަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ކެޕިޓަލް ހަރަދު ކުޑަވުމެވެ.
މާލީ ދާއިރާ ހަރުދަނާކަމާއެކު ދެމެހެއްޓިފައިވާއިރު، ރަނގަޅު ރައުސުލްމާލެއް ހިފެހެއްޓިފައިވާކަން ރިޕޯޓުން ދައްކައެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %50 ގައި ހިފެހެއްޓިފައިވާއިރު، ލޯނު ދޫކޮށްފައިވާ އަދަދު ކުރިއަރާ މިންވަރު އެއްހަމައެއްގައި ދެމެހެއްޓިފައިވެއެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް 832.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވެއެވެ. މި އަދަދު އިތުރުވުމުގެ ސަބަބަކީ އިންޑިއާގެ ރިޒާވް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެވެ.
Ads by MACL
