ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ފުޓުބޯޅައަށް އާ އުންމީދެއް: ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި

ފީފާގެ ރައީސް އިންފަންޓީނޯ މަރުހަބާގެ އައިޓަމް ބައްލަވާލައްވަނީ ---
ފީފާގެ ރައީސް އިންފަންޓީނޯ މަރުހަބާގެ އައިޓަމް ބައްލަވާލައްވަނީ ---

ދިވެހި ފުޓުބޯޅަ އަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ، އާ އުންމީދެއް ގެނެސްދިނުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ދެއްވުމުގެ ގޮތުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގެ އެންމެ މުހިންމު ބައިގެ ގޮތުގައި ފާހަގަކުރެވެނީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ބާއްވަވާ މުހިންމު މަޝްވަރާތަކެވެ.

ސްވިޒަލެންޑުގެ ޒިއުރިކުން ގަތަރު އެއާވޭޒްގެ ޕްރައިވެޓް ޖެޓެއްގައި މިއަދު ހެނދުނު ވަޑައިގެންނެވި އިންފަންޓީނޯ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.

ސަރުކާރުގެ ފަރާތުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް އެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް އެ ވަފުދުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެއާޕޯޓުގެ ވީއައިޕީ ލައުންޖް ސަރަހައްދުގައި ކުރިއަށްދިޔަ މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފުޓުބޯޅައިގެ އާއިލާގެ ގިނަ ބޭފުޅުންތަކެއް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި ކްލަބްތަކުގެ އިސްވެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިން ތިއްބެވި އިރު، އެކި އެކަޑަމީތަކުގެ ޅަ ކުޅުންތެރިން ވަނީ ދިދަތައް ހޫރާލައި އިންފަންޓީނޯ އަށް ހޫނު ތަރުހީބެއް ދީފަ އެވެ. ދިވެހި ސަގާފީ އައިޓަމްތަކުން ވެސް މި ރަސްމިއްޔާތު ވަނީ އިތުރަށް ފަޅުފިލުވާފަ އެވެ.

އެއް ދުވަހުގެ މި ދަތުރުފުޅުގައި އިންފަންޓީނޯ އާއި ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުމަށް ފަހު، ދެ ބޭފުޅުން ވެސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަން ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ހަރަކާތުގައި ރައީސްގެ ޓީމަކާއި އިންފަންޓީނޯގެ ޓީމެއް ވާދަކުރާ އިރު، އިންފަންޓީނޯގެ ޓީމުގައި އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަޝްހޫރު ޑިފެންޑަރު މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ކުރީގެ ގައުމީ ބައެއް ކުޅުންތެރިން ހިމެނޭނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ފީފާގެ ރައީސަކު ރާއްޖެއަށް އެންމެ ފަހުން ވަޑައިގަތީ මީގެ 18 އަހަރު ކުރިން 2006 ވަނަ އަހަރު، ސުނާމީ ކާރިސާއާ ގުޅިގެންނެވެ. އޭރުގެ ރައީސް ސެޕް ބްލެޓާގެ އެ ދަތުރުފުޅާ ހިލާފަށް، އިންފަންޓީނޯގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ، ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކަކަށް ފަހު ހުއްޓުމަކަށް އައިސްފައިވާ ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމްގެ އާ އިންތިހާބީ ރައީސް ޓޮމްގެ ހިންގެވުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކަށް ފީފާގެ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވުން ކަމަށް އެފްއޭއެމުން ބުނެ އެވެ.