ޗޮންޗިން އެއާލައިން އަށް ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށައިފި
ޗައިނާގެ ޗޮންޗިން އެއާލައިނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް، ޓާމިނަލް 1 އިން ހިދުމަތް ދޭން ފަށައިފިއެވެ.
މިއާއެކު، ޗޮންޗިން އެއާލައިން ވެފައިވަނީ ވީއައިއޭގެ މި ޒަމާނީ ޓާމިނަލުން ޝެޑިއުލް ދަތުރުތައް ކުރާ 12 ވަނަ އެއާލައިނަށެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްއޭސީއެލްގެ ބޯޑް ޑިރެކްޓަރު އިބްރާހިމް މަހުދީ ވަނީ ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ އެއާޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒުއާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމި ހަފްލާގެ ތެރެއިން، ޓާމިނަލް 1 އިން ފުރަތަމަ ފަހަރަށް ޗޮންޗިން އެއާލައިނުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހާއްސަ ހަދިޔާ ވަނީ ދީފައެވެ. އަދި، އެ އެއާލައިންގެ OQ2393 ނަމްބަރު ފްލައިޓުން ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޗައިނާގެ ބޮޑު އެއް އެއާލައިން ކަމަށްވާ ޗައިނާ ސަދަން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެމްއޭސީއެލްއިން ބުނީ އެކުންފުނީގެ އަމާޒަކީ ރާއްޖެއަށް އަންނަ ހުރިހާ އެއާލައިނަކަށްވެސް ޒަމާނީ އަދި އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
Ads by MACL
