އަތްފޯރާ އަގެއްގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް އެމްއެމްއޭއިން ތައާރަފް ކުރަނީ
މާލީ ނިޒާމުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދުން ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް، އަތްފޯރާ އަގެއްގައި ފައިނޭންސިން ހަމަޖައްސައިދިނުމުގެ މަޤްސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި އާ ފައިނޭންސިން ސްކީމްއެއް ތަޢާރަފްކޮށް، އެކަމާ ގުޅޭ ރެގިއުލޭޝަން ނެރެފިއެވެ. މި ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެމްއެމްއޭއިން ހާމަކުރެއްވި ގޮތުގައި، މި ސްކީމަށް ހުރިހާ ބޭންކްތަކުން އެމީހުންގެ ލޯން ޕޯޓްފޯލިއޯގެ މަދުވެގެން %10 އާއި %15 އާ ދެމެދުގެ އަދަދެއް ކަނޑައަޅަންޖެހޭނެއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސްކީމުގެ ދަށުން ދޫކުރާ ފައިނޭންސިން ފެސިލިޓީ އަދާކޮށް ހަލާސްކުރަންޖެހޭ މުއްދަތަކީ 25 އަހަރު ދުވަހެވެ. ނަމަވެސް ފެސިލިޓީ ނަގާ ފަރާތުން އެދިއްޖެނަމަ އެއަށްވުރެ ކުރު މުއްދަތެއް ވެސް ހަމަޖައްސައިދެވޭނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
އެމްއެމްއޭގެ އަމާޒަކީ މި ސްކީމުގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3500 ހައުސިން ޔުނިޓަށް ފައިނޭންސިން ހަމަޖެއްސުމެވެ.
Ads by BMLސްކީމްގެ މައިގަނޑު ދެ ބާވަތް:
މި ސްކީމުގެ ދަށުން ފައިނޭންސިން ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ.
-
ޓައިޕް އޭ - ލީސް އެންޑިންގ ވިތް އޯނަރޝިޕް (ބޭންކްތަކުން ފައިނޭންސްކޮށްގެން ހަދާ ހައުސިންގ މަޝްރޫޢުތައް):
-
ސްކީމް ހިންގާ އިދާރާއަކުން އިމާރާތްކުރާ ފަރާތްތައް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް، ގެދޮރު ގަތުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނެއެވެ.
-
އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ އަސްލު އަދަދުގެ %5 އެވެ.
-
ކުލި ދައްކާ ނިމުމުން، މިލްކުވެރިކަން ފެސިލިޓީ ނެގި ފަރާތުގެ ނަމަށް ބަދަލުކުރެވޭނެއެވެ.
-
ފައިނޭންސިންގ ފެސިލިޓީއާ ގުޅިގެން އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެއެވެ.
-
ޓައިޕް ބީ - އެންޑް - ޔޫސަރ ފައިނޭންސިންގ (ޑިވެލޮޕަރ / އިންވެސްޓާރ ފައިނޭންސްކޮށްގެން ހަދާ ހައުސިންގ މަޝްރޫޢުތައް):
-
ކަނޑައެޅިފައިވާ ގެދޮރު އިމާރާތްކުރާ ފަރާތްތަކުން ގެދޮރު ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ފައިނޭންސް ދޫކުރެވޭނެއެވެ.
-
މި މޮޑެލްގެ ދަށުން ފައިނޭންސިންގ ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި، އަގާއި އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިންނެވެ.
-
އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ އަސްލު އަދަދުގެ %6 އެވެ.
-
ގެދޮރު ގަންނަ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި %5 ބަހައްޓަން ޖެހޭނެއެވެ.
-
ފައިނޭންސިންގ ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ.
ޝަރުތުތައް:
އެމްއެމްއޭއިން ބުނިގޮތުގައި މި ސްކީމްގެ ދަށުން ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެކަންޏެވެ. އަދި، މި ފައިނޭންސިން ފެސިލިޓީ ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަނި ކަމަށާއި، އެފަރާތަކީ މަހުން މަހަށް ދައްކަންޖެހޭ އަދަދު ދެއްކުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.
މާލީ ދާއިރާ ތަރައްޤީކޮށް އާންމުންގެ ފުދުންތެރިކަން އިތުރުކުރުން:
މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި މާލީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިން ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ މުހިއްމު ބައެކެވެ. މާލީ ނިޒާމުގެ ތެރެއިން އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
އެމްއެމްއޭއިން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ވެސް ބޭންކުތައް މެދުވެރިކޮށް މިފަދަ ހައުސިން މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައެވެ. އޭގެ ތެރޭގައި އަރަބިއްޔާ އަދި ގާކޮށި ފްލެޓްތައް ގިނަ ބަޔަކަށް އަތްފޯރާ ފަށުގައި ގަނެފައިވަނީ މިފަދަ ސްކީމްތަކުގެ ދަށުންނެވެ.
Ads by MACL
