ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގެ ތިން ރަށެއްގެ ކައުންސިލް ވަކިކުރުމުގެ ފެންނަ ނުފެންނަ ވޯޓުނަގަން ފަށައިފި

އައްޑޫގެ ތިން ރަށެއްގެ ކައުންސިލް ވަކިކުރުމުގެ ފެންނަ ނުފެންނަ ވޯޓުނަގަން ފަށައިފި

އައްޑޫ ސިޓީގެ ތިން ރަށެއް ކަމަށްވާ މީދޫ، ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން މިއަދު ފަށައިފިއެވެ. މި ވޯޓަކީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން މި ތިން ރަށް އިދާރީ ގޮތުން ވަކިކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނުގެ ދަށުން ބާއްވާ ފުރަތަމަ ވޯޓުކަމުން، މި ރަށްތަކުގެ އިދާރީ މުސްތަޤްބަލަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ލަފާކުރެވެއެވެ.

ވޯޓުލުން ހެނދުނު 8:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، މީހުން ނުކުތް އަދަދު މަދުވުމުގެ ސަބަބުން ބައެއް ވޯޓު މަރުކަޒުތަކުގައި ވޯޓުލުން ފެށިފައިވަނީ ލަހުންނެވެ. އޭގެ ތެރޭގައި މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި މިއަދުގެ ހަވީރު 4:00 ޖަހަންދެން ނަގާ މި ވޯޓުގައި ޖުމްލަ 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެގޮތުން ފޭދޫން 4,355 މީހުން، ހުޅުދޫން 2,874 މީހުން އަދި މީދޫން 2,347 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ވޯޓު ނެގުމަށް ޖުމްލަ 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ ހަތް ވޯޓު ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓު ގުނައި ނިމުމާ އެކު، ކޮންމެ ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ. ނަމަވެސް ހުރިހާ ފޮށްޓެއްގެ ވޯޓު ގުނައި ނިމި، އެއްކުރެވޭ ވަގުތީ ނަތީޖާ އިއުލާނުކުރުން އޮންނާނީ އައްޑޫގައެވެ. އަދި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ (އަންނަ ދުވަހު) އިއުލާނު ކުރާނެ ކަމަށް ވެސް އީސީން ވަނީ ހާމަކޮށްފައެވެ. މި ރިފަރެންޑަމްގެ މައިގަނޑު ސުވާލަކީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން މި ތިން ރަށް ވަކި ކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯއެވެ.

މީގެ 14 އަހަރު ކުރިން، 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ވެސް އައްޑޫގެ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފެއްދުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވެއެވެ. އެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދު ކުރީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުދޫގެ ރައްޔިތުންނެވެ. އަދި ސިޓީ ކައުންސިލް އުފެއްދުމާ ދެކޮޅަށް ވޯޓު ދިނީ ފޭދޫ އާއި މީދޫގެ ރައްޔިތުންނެވެ.

އޭރު ނެގުނު ވޯޓުގެ އަދަދުތަކަށް ބަލާއިރު، ސިޓީ ކައުންސިލް އުފެއްދުމާ ދެކޮޅަށް މީދޫއިން 271 މީހުން ވޯޓު ދިންއިރު، ފޭދޫން 494 މީހުން ވޯޓު ދިނެވެ. ސިޓީ ކައުންސިލް ހެދުމަށް ތާއީދު ކޮށްފައިވަނީ މީދޫން 77 މީހުން އަދި ފޭދޫން 397 މީހުންނެވެ. ހުޅުދޫއިން ވެސް ސިޓީ ކައުންސިލެއް އުފެއްދުމަށް 102 މީހުން ވޯޓު ދިންއިރު ދެކޮޅަށް ވޯޓު ދިނީ 93 މީހުންނެވެ.

މިއަދުގެ ވޯޓުގެ ނަތީޖާއިން މި ތިން ރަށުގެ އިދާރީ މުސްތަގުބަލަށް ބޮޑު ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ ކަނޑައަޅާނެއެވެ.