ސައިބަރ ކްރައިމްއާ ދެކޮޅަށް ބައިނަލް އަގުވާމީ މުއާހަދާގައި ސޮއިކުރި ފުރަތަމަ ގައުމުތަކާއެކު ރާއްޖެއިން ސޮއިކޮށްފި
އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ކުރާ ބައިނަލްއަޤްވާމީ މަސައްކަތުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކޮށް، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.
ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ ފެންވަރުގެ ކޮންފަރެންސެއްގައި ދިވެހިރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. މިއާއެކު، ދުނިޔޭގެ ޤައުމުތަކަށް ސޮއިކުރުމަށް ހުޅުވާލި މި މުހިންމު މުއާހަދާގައި އެންމެ ފުރަތަމަ ބައިވެރިވި ޤައުމުތަކުގެ ޝަރަފު ރާއްޖެއަށް ވަނީ ލިބިފައެވެ.
މި މުއާހަދާއަކީ ސައިބަރ ކުށްތައް ހުއްޓުވުމަށްޓަކައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމާއި، ސީރިއަސް ކުށްތަކުގެ ތަޙްޤީޤުތަކަށް ބޭނުންވާ އިލެކްޓްރޯނިކް ހެކި ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި އދ. އިން އެކުލަވާލާފައިވާ ޤާނޫނީ އޮނިގަނޑެކެވެ. މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
Ads by BMLމި މުނާސަބަތާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ތާރީޚީ އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވަސީލަތްތައް މަދު، ތަރައްޤީވަމުން އަންނަ ކުޑަ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ސައިބަރ ކުށުގެ ނުރައްކާ ބޮޑުކަން ފާހަގަކުރައްވައި، މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން މުހިންމުކަމަށް ވިދާޅުވިއެވެ.
"މި މުއާހަދާގެ ސަބަބުން ސައިބަރ ކުށުގެ ހިރާސްތައް ކުޑަކުރުމަށާއި، ޤާނޫނީ ގޮތުން މައްސަލަތައް ބެލުމަށާއި، ޤައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ސައިބަރ ކުށުގެ ޖަރީމާތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބިލިއަނުން ޑޮލަރުގެ މާލީ ގެއްލުން ލިބެމުންދެއެވެ. އެހެންކަމުން، މި މައްސަލަ ޙައްލުކުރުމަށް ޤައުމުތަކުން ދަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކުލަވާލި މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރުމަށް ހުޅުވާލާފައިވަނީ ހަނޯއީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހައިލެވަލް ކޮންފަރެންސްގެ ތެރެއިންނެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެ، މުހިންމު މަޝްވަރާތަކުގައި ޙިއްސާވެވަޑައިގަންނަވައެވެ.
Ads by MACL
