ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު 1.6 ބިލިޔަން ރުފިޔާއަށް އަރައިފި
ދައުލަތުން ދަރަނި ދެއްކުމަށް ކުރާ ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާއިރު، އިޤްތިޞާދީ ރައްކާތެރިކަމަށްޓަކައި އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު 1.6 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ. މިއީ މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ހަފްތާގެ މާލީ ތަފާސްހިސާބުތަކުން ހާމަވާ ކަމެކެވެ.
ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްގެ ބެލެންސް ވަނީ 1.6 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، ފަންޑަށް ލިބުނު ފައިސާ އިތުރުވެފައިވާކަން ދައްކުވައިދޭ އަދަދެކެވެ.
އެސްޑީއެފްއަށް ޖަމާކުރި އަދަދު އިތުރުވުމާ އެކު، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް ކުރި ޚަރަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 4.4 ބިލިޔަން ރުފިޔާ ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް ޚަރަދުކުރި 2.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 120 އިންސައްތައިގެ އިތުރުވުމެކެވެ.
Ads by BMLސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި އިޤްތިޞާދީ ހާލަތްތަކުން އަރައިގަތުމަށާއި، ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް ދެއްކުމުގައި އެހީތެރިވުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރު ސަރުކާރުން ޤާއިމުކުރި ފަންޑެކެވެ. މި ފަންޑަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރަސްމީ ރިޒާވްއާ ވަކިން ބަލަހައްޓާ ފަންޑެކެވެ.
މި ފަންޑަށް މައިގަނޑު ގޮތެއްގައި ފައިސާ ޖަމާކުރަނީ ދައުލަތަށް ލިބޭ ތިން މަންބަޢަކުންނެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން ދައުލަތަށް ދައްކާ ޑިވިޑެންޑް، އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުން ލިބޭ އާމްދަނީއެވެ.
Ads by MACL
