ސިނގިރޭޓު ވައްކަން: ހައްޔަރުކުރި މީހުންގެ އަދަދު 9 އަށް، ދިގަލި ޝަރީއަތް ނިމެންދެން ބަންދުގައި
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުވާލި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގެ ތަހުގީގު ފުޅާކޮށް އިތުރު ތިން މީހަކު ހައްޔަރުކުރުމާއެކު، މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ނުވައަކަށް އަރައިފިއެވެ.
އަދި މި ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުކުރެވޭ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ރަޝީދު (ދިގަލި)، ޝަރީއަތުގެ ކުރިން ދޫކޮށްލައިފިނަމަ ހެކިތަކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ކަނޑައަޅައި، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހު ގަވާއިދާ ޚިލާފުވާތީ ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ކުރީކޮޅުއެވެ. މި ބޮޑު ވައްކަމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތު، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލީގެ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ މައްޗަށްވެސް އަންނަނީ ކުރެވެމުންނެވެ.
Ads by BMLމި މައްސަލައިގައި ދިގަލި އާއި އާއްޓޭއާ އެކު އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭގައި ކަސްޓަމްސްގެ ކުރީގެ މުވައްޒަފެއް އަދި މިފްކޯގެ މިހާރުގެ މެނޭޖަރެއް ކަމަށްވާ މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލް ހިމެނެއެވެ. އޭގެ ފަހުން، ވައްކަން ކުރުމަށްޓަކައި ކޮންޓެއިނަރުތައް ބަނދަރުން ބޭރުކުރުމުގައި ޢަމަލީ ގޮތުން އެހީވިކަމަށް ތުހުމަތުކުރެވޭ ޙަސަން ޢަބްދުއްރަޙްމާން އާއި ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އިއްޔެގެ ވަގުތެއްގައި ތަހުގީގަށް ހައްޔަރުކޮށްފައިވާ އިތުރު ތިން މީހުންނަކީ:
-
އަހްމަދު ޝަމީމް (42އ)، ނޫރަލީގެ / ހދ. ވައިކަރަދޫ
-
އަހްމަދު ފިރުޝާން (35އ)، ހ. ރުމޭނިއާ
-
ހުސައިން ސާމިހު (35އ)، ޗާންދަނީ / އައްޑޫ ހިތަދޫ
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފިރުޝާން ފަސް ދުވަހަށް ބަންދުކުރިއިރު، ޝަމީމް އާއި ސާމިހު ބަންދުކުރީ ހަތް ދުވަހުގެ މުއްދަތަށެވެ.
މިހާތަނަށް މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު ނުވައަކަށް އަރާފައިވާއިރު، މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ 12 މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
